ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

މީގެކުރިން ޕްރައިމަރީ ބޭއްވުމަށް އެކި ތާރިހްތައް ދިނުމަށްފަހު ދިޔައީ ކެންސަލް ކުރަމުންނެވެ.

ޕީއެންސީން ކުރި އިއުލާނެއްގައި ވަނީ މަޖިލިސް ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓް އެ ޕާޓީގެ ވެބްސައިޓްގައި އާންމު ކުރެވިފައިވާ ކަމަށެވެ. އަދި އެ ލިސްޓާމެދު ޝަކުވާއެއް ވާނަމަ އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕާޓީއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އެ ތާރީހްގެ ފަހުން ހުށަހެޅޭ ޝަކުވާއެއް ބަލައި ނުގަނެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

މީގެކުރިން ޕްރައިމަރީ ފަސްކުރިއިރު، ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ.

ޕީއެންސީގެ ބައެއް މެމްބަރުންނަށް ގުޅައި އޭނާ އަންގާ ވަކި ބޭފުޅަކަށް ޕްރައިމަރީގައި ވޯޓު ދިނުމަށް ޕާޓީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އެދެމުންދާ މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ.