އުމުރުން 30ގެ ފަހު ބަޔަށް އެޅުމުން ބަލިވެ އިނދެ ދަރިން ހޯދުމުގެ ސަގާފަތަކީ މިހާރު ދުނިޔޭގައި އާލާވަމުން އަންނަ ސަގާފަތެކެވެ. ހާއްސަކޮށް މިހާރުގެ ޒުވާން ޖީލުގަ އެވެ.
އެހެން ނަމަވެސް އުފެދޭ ސުވާލަކީ އުމުރުން އެހާ ދޮށިވުމުން ބަލިވެ އިނުމަކީ އަންހެން މީހާއަށް ކިހާ ރައްކާތެރި ކަމެއްތޯ ކުރެވޭ ސުވާލެވެ.
ކުރިން ގަބޫލް ކުރެވިފައި އޮންނަ ގޮތުންނަމަ އުމުރުން ދުވަސްވާ ފަހުން އަންހެނުން ކުދިން ހޯދުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އުމުރުން ދުވަސްވާ ފަހުން ކުދިން ހޯދުމަކީ ޑައުން ސިންޑްރޮމާ އާއި ހަކުރު ބައްޔާއި އަލްޒެއިމާ ފަދަ ބަލިތައް މައިމީގެ ފަރާތުން ދަރިފުޅަށް ވެސް ވާރުތަ ކުރާނެ ކަމެއް ކަމަށް ކުރިން ބެލެވިފައި އޮތެވެ.
އެހެންވެ އަބަދު ވެސް އަންހެނުންނަށް ދީފައި އޮންނަ ވިސްނުމަކީ ޅަ އުމުރުގައި ކައިވެނިކޮށް ވީހާ ވެސް އަވަހަށް ދަރިން ހޯދުމެވެ. އެއީ އެތައް ގޮތަކުން ފައިދާ ކުރާ ކަމެއް ކަމަށް ބަލައިފަ އެވެ.
އެހެން ނަމަވެސް އުމުރުން ދުވަސްވުމުން ވެސް ބަލިވެ އިނދެ ވިހެއުމަކީ ނުރައްކާތެރި ކަމެއް ނޫން ކަމަށާއި އެހެނެއް ކަމަކު ފައިދާތައް ގިނަ ކަމެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްްސް އާއި ޖަރުމަންގެ މެކްސް ޕްލާންްްކް އިންސްޓިއުޓް އޮފް ޑެމޮގްރަފިކް ރިސާޗުން ހެދި ދިރާސާއަކުން ދެއްކި ގޮތުން އުމުރުން 40 އަށް ވުރެ މައްޗަށް ދާ ފަހުން ވެސް އަންހެނުން ވިހެއުމަކީ ދަރިފުޅަަށް ސިއްހީ ގޮތުން އެތައް ފައިދާއެއް ކުރާ ކަމެކެވެ.
އެގޮތުން ދަރިފުޅުގެ ސިއްހަތު ދުޅަހެޔޮވެފައި، އިސްކޮޅުން ދިގުވުމާއި އުނގެނުން ފަދަ ކަންކަމަށް ހުށިޔާރުވެ އެވެ.
ދިރާސާ އިން ދެއްކި ގޮތުގައި އުމުރުން ދުވަސްވާ ފަހުން ވިހާ ދަރިން ކިޔެވުމަށް ރަނގަޅުވެ، ހިތްއަލިވެ އެވެ. އެހެންވެ ހޯދާ ނަތީޖާ ރަނގަޅުވެ އެވެ.
މިސާލަކަށް އަންހެނަކު އޭނާގެ އުމުރުގެ 20 އަހަރުގެ ތެރޭގައި ވިހާފައިވާ ދަރިއަކާއި 40 އިން މައްޗަށް ދާ ފަހުން ވިހާ ދަރިއަކާ ދެމެދު ހުރި ތަފާތުތައް ބެލި އިރު، އުމުރުން ދުވަސްވާ ފަހުން ވިހޭ ދަރިފުޅު ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މާ ދުޅަހެވެ.
"އެހެންވީމާ އެއިން އެބަ ދައްކުވައިދޭ އުމުރުން ދުވަސްވާ ފަހުން ވިހެއުމަކީ މައްސަލައެއް ނޫންކަން. އަދި އޭގެ ފައިދާތައް ދިރާސާ އިން އެބަ ސާބިތުކޮށްދޭ." ދިރާސާ ހެދުމުގައި އިސްކޮށް އުޅުނު ބޭފުޅަކު ވިދާޅުވި އެވެ.