ބޭސްފަރުވާއަށް އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް މީހުން ގެންނަން ރައީސުލްޖުމްހޫރިއްޔާ ހުއްދަދޭން ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައްސާން މިފަދައިން ވިދާޅުވީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި އޮތް ހާލު ދެރަ ކުއްޖަކު އިތުރު ފަރުވާއަށް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުގައި ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްދަ ދެއްވާފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. މޯލްޑިވިއަންގެ ފްލައިޓެއް ލިބެންދެން އެ ކުއްޖާ އޮތީ ހޮސްޕިޓަލްގައި ބާއްވާފަ އެވެ. ފްލައިޓެއްގައި މާލެ ގެނެސް ފަރުވާދެނިކޮށް އެ ކުއްޖާ މިއަދު ވަނީ ނިޔާވެފަ އެވެ.

މި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް މިނިސްޓަރު ގައްސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުވާ ލިބޭ ތަންތަނަށް މީހުން ގެންދިއުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ އެސްއޯޕީތަކުގައި އެކަމަށް ރައީސްގެ ހުއްދައެއް ހޯދަން ނުވަތަ ރައީސަށް އަންގަން ނޯންނަ ކަމަށެވެ. އެސްއޯޕީގައި ވަނީ އެކަމާ ގުޅޭ އިދާރާތައް ގުޅިގެން އެކަން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައްސާން ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ބޭސްފަރުވާގެ ބޭނުންތަކަށް މީހުން އުފުލުމުގެ 93 ޕަސެންޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީގައި މީހުން އުފުލާފައިވާ އުފުލުންކަމަށެވެ.