ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ލަފާފުޅު ހޯދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުުުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން، އީއީޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓާނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަހައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ކަނޑުތަކުގެ ގާނޫނާބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް އައްޔަންކޮށް، މަސައްކަތް ފަށާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރެ އެވެ.
ޑރ. މުނައްވަރަކީ އިޓްލޮސްގައި ކުރިޔަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި، އެ މައްސަލާގައި އޭރުގެ ސަރުކާރުން އަމަލުކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވާ ގޮތުން މި ބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިއަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުން ހިމެނެ އެވެ. އަދި މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް ސޯލިހުގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތްވެސް އެ ބޭފުޅުން ކުރައްވާނެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި މައްސަލާގައި އައްޔަންކޮށްފައިވާ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކޮށް، ކުރިޔަށްއޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. އަދި އެ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓްއަށް ހުށަހަޅުއްވާނެކަމަށާއި އަދި ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށަހަޅާ ގޮތެއް ނިންމޭނެކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެއިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހު އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ނިންމި ނިންމުމާއި ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިނަމަވެސް ކުރީ ސަރުކާރުން ބުނަމުން ގޮސްފައިވަނީ އެއީ ދިވެހިންނަށް ފައިދާވާ ގޮތަށް ނިންމި ނިންމުމެއްކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ އެ ވާހަކަތައް ގާނޫނީ ތަޖުރިބާކާރުންވެސް ވަނީ ދޮގުކޮށްފަ އެވެ.