ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާއްމު ވަގުތުން ހުއްޓާލަން އދ.ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް އަންގައިފި އެވެ.

ދެކުނު އެފްރިކާ އިން ހުށަހެޅި ގަތުލުއާއްމުގެ ދައުވާއާ ގުޅިގެން ނަދަލޭންޑްސްގެ ދަ ހޭގުގައި ހުންނަ އައިސީޖީ އިން ވަނީ އިޒްރޭލުގެ މައްޗަށް ހަ ކަމަކަށް ވަގުތީ އަމުރު ނެރެފަ އެވެ. އޭގެ ތެރޭގައި ފަލަސްތީނު މީހުން މެރުން ހުއްޓުވުމަށް އިޒްރޭލަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުގެ އިތުރުން، އެ މީހުންނަށް ޖިސްމާނީ އަނިޔާ އާއި ނަފްސާނީ ގެއްލުން ލިބޭ އަމަލުތަކާއި ފަލަސްތީނުގެ މާބަނޑު އަންހެނުން ވިހެއުމަށް ހުރަސް އެޅުމުގެ އަމަލުތައް ހުއްޓުވުމަށް ވެސް ވަނީ އަންގައިފަ އެވެ. ނަމަވެސް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލުމަށް އައިސީޖޭ އިން އަމުރުކޮށްފައެއް ނުވެ އެވެ. އެކަމަކު އައިސީޖީގެ އަމުރުގައިވާ ކަންތައް ތަންފީޒް ކުރުމުގައި އިޒްރޭލުން އަމަލުކުރަމުންދާ ގޮތުގެ ރިޕޯޓެއް އެއްމަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަމުރުގައިވެ އެވެ.

ސައުތު އެފްރިކާގެ ޚާރިޖީ ވަޒީރު ނަލެދީ ޕަންދޯރު ވިދާޅުވީ އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލައިގެން މެނުވީ އައިސީޖީގެ އަމުރު ތަންފީޒް ނުކުރެވޭނެ ކަމަށެވެ. ސައުތު އެފްރިކާ އިން ހުށަހެޅި މައްސަލައިގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.

އިޒްރޭލާ ދެކޮޅަށް އައިސީޖޭން ނިންމި ނިންމުމަށް ސައުތު އެފްރިކާގެ ސަރުކާރުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.

އިޒްރޭލާ ދެކޮޅަށް އަމުރު ނެރުމަށް ބޭއްވި އައިސީޖޭގެ ފަނޑިޔާރުންގެ ބައްދަލުވުން ކުރިއަށް ދަނީ.

ދުނިޔޭގެ ކޯޓުގެ ނިންމުމަށް ގޮންޖަހައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ކާމިޔާބު ލިބެންދެން އޭނާގެ ގައުމުން މި ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދު މާލިކީ ވިދާޅުވީ އައިސީޖޭގެ ފަނޑިޔާރުން ނިންމާފައި ވަނީ އިންސާނިއްޔަތުކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ނިންމުމެއް ކަމަށެވެ. އައިސީޖީގެ ނިންމުމަށް ހަމާސް ޖަމާއަތުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު 7 ވަނަ ދުވަހު އިޒްރޭލުން ގާޒާ އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުން ގާތްގަނޑަކަށް 26،000 މީހުން ޝަހީދުކޮށްލައިފަ އެވެ.