ބޮލީވުޑްގެ ޒުވާން ތަރި ކާތިކް އާރްޔަންއާ ބައްދަލު ކުރުމުގެ ބޭނުމުގައި އޭނާގެ ސަޕޯޓަރުންތަކެއް ފުލުހުންގެ ބެރިކޭޑުތައް ފަޅާލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް ފިލްމުފެއާ އެވޯޑްސްގެ ރެޑް ކާޕެޓް ކުރިއަށް ދިޔަ ވަގުތު އެވެ. އެ ހަފްލާއަށް ކާތިކް އައުމަށްފަހު އެއްވެފައި ތިބި މީހުންނާ ސަލާން ކޮށްލަން އޭނާ ކުޑައިރުކޮޅަކު މަޑުކުރި އެވެ.
އެހެން ނަމަވެސް އެކަން ހަލަބޮލިވީ އެތަނަށް އެއްވެ ތިބި ކާތިކްއަށް ސަޕޯޓުކުރާ ބަޔަކު އޭނާއާ ސަލާން ކުރަން އުޅުމުގެ ތެރޭގައި އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ބަހައްޓާފައިހުރި ބެރިކޭޑްތަކެއް ފަޅާލުމުންނެވެ.
މިކަމުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާއިރު ފުލުހުން ވަނީ ވަގުތުން އައިސް ހާލަތު ކޮންޓްރޯލް ކޮށްފަ އެވެ. މި ހާދިސާއިން ކާތިކްއަށް ކުއްލި ސިހުމެއް ލިބުނުކަން އޭނާގެ މޫނުމަތިން އެނގެ އެވެ.
މި ހާދިސާ ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެކްޓަރުންގެ ސަލާމަތީ ކަންކަން ހުރި ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.