ރައީސް މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއް ނެތި ހަމަލާދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ގޭންގުތަކާ ގުޅުން އޮންނާތީ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަގުމަތިން ދިން ހަމަލާ ކުށްވެރިކޮށް ނެރުނު ނޫސްބަޔާނުގައި އެމްޑީޕީން ބުނެފައިވަނީ، ޕްރޮސިކިއުޓަރު ޖެނަރަލަކީ ރާއްޖޭގައި ކުރާ ޖިނާއީ ކުށްތަކުގައި ޝަރުއީ ކޯޓުތަކުގައި ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާކުރައްވާ އިސް ވަކީލު ކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
"ރައީސް މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަން މި ޕާޓީން ގަބޫލުކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ، އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފަ އެވެ.