ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް ނެރޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރަމުން ދާއިރު، ގާނޫނުން ލާޒިމުކުރާ މާލީ ބަޔާންތައް ގަވާއިދުން ހުށަނޭޅުމާއި މާލީ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން މާލީ އަހަރު ނިމުމުން ލައިސެންސް އޮންނަ އޮޑިޓަރަކު މެދުވެރިކޮށް ތައްޔާރުކުރާ މާލީ ބަޔާން ހުށަހެޅުމަކީ ގާނޫނުން މަޖުބޫރު ކަމަކަށްވީ ނަމަވެސް، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ ބަޔާން ހުށަނާޅައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީއަށް ވަނީ ފިޔަވަޅު އަޅައި ޖޫރިމާނާކޮށްފަ އެވެ.

މީގެ ތެރެއިން އެމްއެންޕީ އާއި އަދާލަތު ޕާޓީން މާލީ ބަޔާން އެއްގޮތަކަށް ވެސް ހުށަނާޅާއިރު، އެމްޑީޕީން ބަޔާން ހުށަހެޅީ ސުންގަނޑި ހަމަވިތާ ހަފުތާއެއް ފަހުންކަން އީސީން ފާހަގަކުރި އެވެ.

ގާނޫނާ އެއްގޮތުގެ މަތިން މިއިން ކޮންމެ ޕާޓީއެއް ވެސް ޖޫރިމަނާ ކޮށްފައި ވަނީ ބައިލައްކަ ރުފިޔާއިންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ހަރަދުކުރާއިރު، އެ ފައިސާއަށް ވީގޮތް ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަމަށެވެ. ނަމަވެސް ހުރިހާ ޕާޓީތަކަކުން އެއްގޮތަކަށް އަމަލުކުރާނެ ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން، އޮޑިޓް ރިޕޯޓްތައް ހުށަހަޅާއިރު މާލިއްޔަތު ގަވާއިދާ ފުށުއަރާ ގިނަ މައްސަލަތަކެއް ފާހަގަވަމުންދާ ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގައި ހުރި މިފަދަ ހަރަދުތަކާއި ގޮންޖެހުންތައް ހައްލުކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމަށްޓަކައި އޮޑިޓަރ ޖެނެރަލް އޮފީހާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ހާއްސަ އުސޫލެއް ޑްރާފްޓްކޮށް، ގެޒެޓްކުރުމުގެ މަރުހަލާއަށް ވަނީ ފޮނުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ދެބައިމީހުން އެއްވެގެން ހުރިހާ ސިޔާސީ ޕާޓީތަކާއިއެކު، ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ އުސޫލެއް އަޅުގަނޑުމެން ވާނެ ޑްރާފްޓްކޮށްފައި. އެ ޑްރާފްޓަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ ކޮމެންޓު ހޯދައި ނިންމާފައި ޑްރާފްޓް ވާނީ ގެޒެޓް ކުރުމުގެ މަރުހަލާއަށް ފޮނުވިފައި،" ހަސަން ވިދާޅުވި އެވެ.