މާލޭ ސިޓީ ކައުންސިލުން އެކި ނަންނަމުގައި ނަގާފައިވާ ކޮންސަލްޓަންޓުން ކުރި މަސައްކަތްތައް ނުބަލަހައްޓައި ބޮޑު މުސާރަ ދެމުންދާކަމަށް އެ ކައުންސިލުން އެއްބަސްވެއްޖެ އެވެ.

އެ ކައުންސިލުން މިކަމަށް އެއްބަސްވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން އެދުނު މައުލޫމާތު ދީ ފޮނުވި ލިޔުމުގައެވެ.

މާލޭ ސިޓީ ކައުންސިލްގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އަލީ ނަސީރު ގާސިމް ސޮއި ކުރައްވައި ފޮނުވި ޖަވާބުގައި ވަނީ ކޮންސަލްޓެންޓުންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފުން ދީފައި ވަނީ ކިތައް ކޮންސަލްޓަންސީކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ސަބަބަކީ އެ ރެކޯޑުތައް އެ ކައުންސިލުން ބަލަހައްޓަމުން ގޮސްފައިނުވާތީ ކަމަށް އެ ޖަވާބުގައިވެ އެވެ.

އެގޮތުން އާމިނަތު ޝިޔާނާއާ އެކު މެއި 8، 2022 ވަނަ ދުވަހު ހެދި އެއްބަސްވުމަކީ ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށްދިނުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް ހިންގުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ވިލަރެސްކުރުމުގެ ގޮތުން އޭނާ ކުރި ކަންތައްތަކުގެ ރެކޯޑު ބެލެހެއްޓުމެއް ނެތި މިހާތަނަށް 550،000 ރުފިޔާ ދީފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް 25،000 ރުފިޔާއެވެ.

މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ދެއްވި ކޮންސަލްޓެންސީގެ ރެކޯޑް ބެލެހެއްޓުމެއް ނެތި އޭނާއަށް ވެސް މިނިސްޓަރު ކަމަށް ވަޑައިގަތުމާ ހަމައަށް މަހަކު 30،000 ރުފިޔާ ދީފައިވެ އެވެ.

މީގެއިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ ސިވިލް އިންޖިނިއަރިން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، ދެއްވާފައި ވަނީ ކިތައް ކޮންސަލްޓެންސީ ކަމުގެ ރެކޯޑު ވެސް ބަލަހައްޓާފައިނުވާއިރު، ސްޓޭޓް މިނިސްޓަރު ކަމާ ހަވާލުވަންދެން މަހަކު 30،000 ރުފިޔާ ދީފައިވެ އެވެ.

މި ނޫން ވެސް އެތައް ކޮންސަލްޓަންޓުންނެއް އެކި ނަންނަމުގައި މިހާރު ވެސް ސިޓީ ކައުންސިލްގައި މަސައްކަތް ކުރަމުންދެ އެވެ.