ޔޫރަޕްގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފި އެވެ.

މިނިސްޓަރު ޒަމީރު މިމަޝްވަރާތައް ބާއްވާފައިވަނީ މިހާރު ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މުހިއްމު އޮފީސްތަކެއް ޤާއިމްކޮށްފައިވާ ބެލްޖިއަމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޒަމީރު ވަނީ ޔޫރަޕިއަން ޕާލިމަންޓުގެ މެމްބަރެއްކަމަށްވާ، ނިކޮލާ ޕްރޮކަޗީނީއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. މީގެއިތުރުން ދިވެހިންނަށް އީޔޫގެ ވީޒާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

މަހުން ނަގާ ޑިއުޓީ ކުޑަކުރުމާއި ވީޒާގެ ލުއި ފަސޭހަ ހޯދުމުގެ އިތުރުން، ރާއްޖެއާއި އީޔޫއާ ދެމެދު ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރު ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލޯ ޕަމްޕަލޯނީއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ވެސް މަހުގެ ބާވަތްތަކުން ޓެރިފް ކުޑަ ކުރުމާއި ދިވެހިންނަށް އީޔޫގެ ވިސާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރު ބެލްޖިއަމަށް ކުރައްވާ ދަތުރުގައި ތިން ވަނަ "އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް"ގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.