ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން މިރޭ ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ އެންގުން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.

އެގޮތުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖައާކުރުމަށާއި، މުރާޖައާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގައި ގާއިމް ކުރި 4000 ފްލެޓް ހުންނާނީ 32 ޓަވަރުގަ އެވެ.