ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ތެރޭ މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ހއ. ދިއްދޫ އިރު އިތުރުން 72 ނޯޓިކަލް ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އިންޑިއާއިން އެކަން ކޮށްފައިވަނީ ރާއްޖޭގެ "ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި" ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

"ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި މި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 1 ފެބްރުއަރީ 2024ގައި ވާނީ ރަސްމީކޮށް ދަންނަވާފައެވެ،"

އިންޑިއާގެ އަސްކަރިއްޔާ އިން އެރި ދޯނިތަކަކީ އދ. މަހިބަދޫ އަސުރުމާ 3 އާއި މިހޮރާ 3 އަދި ނިރު 7 އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ނަފާ ހޯދުމަށް ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތުގައި ސާބުތުވެ ތިބުމަށް ޑިފެންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރައްހަދު ގައުމީ ދިފާއީ ބާރުން ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީން ވަނީ ދީފަ އެވެ.

އިންޑިއާ ސިފައިން ދިވެހި މަސް ދޯންޏަކަށް އެރި ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި އިންޑިއާ ސިފައިން އަރާ ތިބި ދޯނި ކައިރީގައި ރާއްޖޭގެ އިތުރު ދެ ދޯންޏަކާއި އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ވެސް ހަރަކާތްތިވާތަން ފެނެ އެވެ.

އިންޑިއާގެ ސިފައިން ތިބީ ބަޑި ވެސް ހިފައިގެންނެވެ. އަދި އެ މީހުން ވޯކީޓޯކީ ވެސް ގެންގުޅުނެވެ. ވީޑިއޯ ކުރި ދިވެހި މަސްވެރިޔާ ވާހަކަދައްކާ އަޑު ވެސް އެ ވީޑިއޯ އިން އިވެ އެވެ.