އިންޑިއާ ސިފައިން އަނެއްކާ ވެސް ދިވެހި މަސް ދޯންޏަކަށް އަރައި ބިރު ދައްކައިފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ މަނަވަރެއްގައި ތިބި ސިފައިން ބުރާސްފަތި ދުވަހުގެރޭ 12 ޖަހާކަން ހާއިރު އަރާފައި ވަނީ "މާހޯރަ-3" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ. އޭރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ ހއ. މޮޅަދޫ ބޮޔާ ތިން މޭލު ހިސާބުން ކަމަށް ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

އެ ދޯންޏަށް ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި އިރު، މި މައްސަލަ ދޯނީގެ ވެރިފަރާތުން ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުންޏެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ދިވެހި ތިން މަސް ދޯންޏެއް ކަމަށްވާ "އަސުރުމާ-3"، "ނިރު-7" އަދި "މާހޯރަ-3" ނަމަކަށް ކިޔާ ދޯންޏަކަށް އަރާފައިވެ އެވެ. އެހެންކަމުން މިއީ އިންޑިއާ ސިފައިން "މާހޯރަ-3" މަސް ދޯންޏަށް އެރި ދެވަނަ ފަހަރެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާ ކަނޑުގެ ސިފައިން އަރާފައިވަނީ ކަނޑުގެ ގާނޫނުތަކާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންނެވެ.

އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.