ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ބެލުމަށް އެ ކޮމިޝަނުން ހިންގި ތަހުގީގުގެ ތަފްސީލު ލިބެންދެން ފްލެޓްތައް ހަވާލުކުރުން ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ދެން ކުރިއަށްދާނީ އޭސީސީން ހިންގި ތަހުގީގުގެ ތަފްސީލު ދިނުމުން އެކަމަށް ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށެވެ.

"ތަހުގީގާ ގުޅޭ އިތުރު ތަފުސީލު މި މިނިސްޓްރީއާ ހިއްސާކުރައްވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވި، އެ މައުލޫމާޔު ލިބުމުން މި މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދާ ފުލެޓުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ" ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އޭސީސީން ބުނީ ފްލެޓް ދޭން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ފާހަގަވެފައިނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ފްލެޓްތަކުގެ ހައްގުވެރީންނަށް ފްލެޓް ދިނުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ފްލެޓް ދިނުން އަވަސްކުރަން ބިމާބެހޭ ގަނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވަނީ އިސްލާހެއް ވެސް ހުށަހަޅުއްވާފަ އެވެ.

މީގެއިތުރުން ފްލެޓް ދޫކުރުން ލަސްވާތީ ފްލެޓް ދޫކުރުން އަވަސްކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ.