ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާ އަށް ވާދަކުރެއްވުމަށް މަޖިލިހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދަށް ޕާޓީގެ ޓިކެޓު ދީފި އެވެ.

މަޖިލިހުގެ ފުނަދޫ ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތާއީދު ކުރައްވަނީ އިލްހާމަށެވެ. ޝާހިދު ވަނީ މިފަހަރުގެ މަޖިލިހުގެ އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައިފަ އެވެ.

‎އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފަ އެވެ. އެގޮތުން 17 ވަނަ މަޖިލިހުގައި އިލްހާމް ވަނީ ޑީއާރުޕީގެ ޓިކެޓުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން، 18 ވަނަ މަޖިލިހުގައި އިލްހާމް ވަނީ ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވައި ދަނގެތި ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މަޖިލިހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ އިގްތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވައިފަ އެވެ.

‎އިލްހާމަކީ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑީއާރްޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި އެވެ.

‎އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމާއި, އެމަނިކުފާނުގެ ސްޕެޝަން އެންވޯއީކަން ވެސް ކުރައްވައިފަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްހާމް ތާއީދު ކުރެއްވީ ގާސިމް އިބްރާހިމަށެވެ. އެކަމަކު، އިންތިހާބުގެ ދެވަނަ ބުރުގައި އިލްހާމް ތާއީދު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އިންތިހާބުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން އިލްހާމް އެމްޑީޕީ އަށް ވަނީ ސޮއި ކުރައްވައިފަ އެވެ.

‎ސިޔާސީ ދާއިރާގެ އިތުރުން އިލްހާމް ވަނީ ޓެލެވިޒަން މޯލްޑިވްސްގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމްގެ ރައީސްކަން ކުރެއްވި އެވެ.

މަޖިލިހުގެ ފުނަދޫ ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދެވެ. ބެލެވޭ ގޮތުގައި އެ ދާއިރާގައި ވާދަވެރިކަން ބޮޑު ވާނީ ވެސް މުފީދާއި އިލްހާމާ ދެމެދުގަ އެވެ.