ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން މިރޭ ރާއްޖެ ދޫކޮށް ފުރާވަޑައިގެންފި އެވެ.

އިތުބާރުހުރި ގޮތަކަށް "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖާކޮށްދޭން އެދިފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދު ޑޮކްޓަރަކު ހާޒިރުކުރުމުން އޭނާގެ މައި ބަދައިގެ ޑިސްކްތަކަކަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރު ބުނުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.

އަލީ ވަހީދު ފުރައިގެން ދިޔަ ކަމަށް ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. 2015 ވަނަ އަހަރު މޭޑޭގެ މުޒާހަރާއާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ އުފުލުމުން އެ ފަހަރު ވެސް އަލީ ވަހީދު ވަނީ ފުރައިގެން ގޮސް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ. އަދި އޭނާ އަނބުރާ ރާއްޖެ ވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން 2018ގެ ރިޔާސީ އިންތިހާބުން ބަލިވުމުންނެވެ.

މިދިޔަ ޖުލައި 24 ވަނަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުން ދައުވާ އިއްވުމުން އަލީ ވަހީދު ހުރިހާ ދައުވާތަކަށް ވެސް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  1. ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
  6. ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

އެ މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އިންސާފުވެރިކަމާ އެކު އެ މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ހާމަވެގެންދާނެ ކަމަށެވެ.