ޗާންދަނީ މަގުގައި ހުންނަ އެމްއެފް ބިލްޑިން (ވީބީ އޮފީސް އިމާރާތް) ގެ ނުވަ ވަނަ ބުރިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީމީހާ އަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

އިންޑިއާގެ އުމުރުން 20 އަހަރުގެ އެ ފިރިހެން މީހާ ވެއްޓުނީ ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައި އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ ނުވަ ވަނަ ބުރީގެ ވައި ގޮޅިން ބިންމައްޗަށެވެ.

ފުލުހުން ކުރިން ބުނީ، ހެނދުނު 10 ޖަހާކަންހާއިރު އެ މީހާ ވެއްޓި، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާ މަރުވީ ފަރުވާ ދެމުން އަންނަނިކޮށް މެންދުރު 1:30 ހާއިރު ކަމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައި މަސައްކަތް ކުރަނިކޮށް ބިދޭސީން ވެއްޓި މަރުވުމުގެ ހާދިސާތަކެއް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.