އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތަށް ޚާއްސަ ކޮމިޓީއެއް ނެގުމަށް ނިންމަވާފައިވާ ކަމަށެވެ.

ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމާއި، ފޯމު ހުށައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ކަނޑައެޅުމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށް، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓަރު މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ އޭސީސީން ފޮނުވާފައިވާ ޝަރުތު ހަމަވާ 20 ޕަސެންޓް މީހުންގެ ލިސްޓުގައި ހިމެނެނީ 724 މީހުން ކަމަށެވެ. އަދި އޭސީސީން މިނިސްޓްރީއާއި ހިއްސާކޮށްފައި ވަނީ ފޯމުގެ ނަންބަރު އެކަނި ހިމެނޭ ލިސްޓެއް ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީން އަދި މިނިސްޓްރީއަށް ދީފައެއް ނުވޭ. މި ލިސްޓުގައި ހިމެނޭ މީހުން ކަށަވަރު ކުރެވޭނީ ޕޯޓަލަށް އެކްސެސް ލިބުމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ޕޯޓަލްގެ އެކްސެސް މި ހަފްތާ ތެރޭގައި އެ މިނިސްޓްރީއަށް ދޭނެކަމުގެ ޔަގީންކަން އޭސީސީން ދީފައިވާ ކަމަށެވެ. މިއާއެކު އަންނަ ހަފްތާގައި ފްލެޓް ދޫކުރުމާ ގުޅޭ ކަންކަން ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"2-3 ދުވަހުގެ ތެރޭގައި އެކްސެސް ލިބޭނެ. އޭރުން ލިސްޓުގައި ހިމެނޭ މީހުން ކަނޑައެޅިގެން އެނގޭނީ. އޭރުން އިތުރަށް މަޢުލޫމާތު ޔަގީންކޮށް، ގުޅައި އެމީހުން ގެނެސް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން. ދެ ހަފްތާއިން މި މަސައްކަތް ނިމޭނެ،" ހައިދަރު ކޮމިޓީގައި ވިދާޅުވި އެވެ.

ފޯމު ހުށައެޅި މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

މިކަމާ މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ތަހުގީގުން ހާމަވާ ކަންކަމާއި ނިންމުންތަކަށް މިނިސްޓްރީން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ލިސްޓާއި އޭގެ ސަބަބުތައް އިތުރަށް ބައްލަވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ފޯމުގައި އޮންނާނެ ލިޔެފައި ސާފުކޮށް، ހުށައަޅާ މައުލޫމާތަކީ ސައްޙަ މަޢުލޫމާތަށް ވާންޖެހޭ ކަމަށް. އެނޫން ގޮތަކަށް މައުލޫމާތު ހިމަނާފައިވާނަމަ އެގްރިމަންޓް ބާތިލުވާނެ. ޝަރުތު ހަމަނުވަންޏާ އެގްރިމަންޓް އުވާލުމުގެ ބާރު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ފްލެޓް ދޫކުރާނީ ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށެވެ. އަދި ލިސްޓް އާއްމުކުރިއިރު ފުރަތަމަ ފްލެޓް ލިބޭ 4000 މީހުންގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓަށް 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓަށް ފަހު 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 76 ޕޮއިންޓުން މަތިން މާކްސް ލިބުނު މީހުންނަށް ދޫކުރާ ގޮތަށެވެ.

އެ މިނިސްޓްރީން ބުނީ ފުރަތަމަ 4،000 މީހުންނަށް ފްލެޓް ދޫރުމަށް ނިންމީ، އެއީ މިހާރު ނިމެމުންދާ ފްލެޓް މަޝްރޫއުގައި ހިމެނެނީ 4،000 ފްލެޓް ކަމަށް ވާތީ ކަމަށެވެ. އަދި ފްލެޓަށް 13،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

ކޮމިޓީން ވަނީ މިހާރު އޭސީސީން ހިއްސާކޮށްފައިވާ ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކޮމިޓީއާ ހިއްސާކުރުމަށް އެދިފަ އެވެ. އެ ލިސްޓް މިހާރު އޮތްގޮތަށް ކޮމިޓީއާ ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.