ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ނުވަ މީހެއްގެ ފޯމު ބާތިލްކޮށްފި އެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ނުވަ ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާތީ އެ ކެންޑިޑޭޓުންގެ ފޯމުތައް ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުގައި ވާދަކުރާނީ ޖުމްލަ 368 ކެންޑިޑޭޓުންނެވެ. އެއީ 327 ފިރިހެނުންނާއި 41 އަންހެނުންނެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެއީ ރޯދަ މަހުގެ ދުވަހަކަށް ވާތީ، ރޯދަ މަހު އިންތިހާބު ބޭއްވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އިންތިހާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ގެނެސްފަ އެވެ. ނަމަވެސް އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަދި ތަސްދީގެއް ނުކުރައްވަ އެވެ.