މި ސަރުކާރުންވެފައިވާ ވައުދާއެއް ގޮތަށް މަސްވެރިން ބާނާ މަސް މިފްކޯއަށް ކިރުމަށް ފަހު އެއަށް ފައިސާ ނުދެތީ މަސްވެރިން ގއ. ކޫއްޑޫގައި މުޒާހަރާކުރަން ފަށައިފި އެވެ.

މަސްވެރިންނަށް ދޭންޖެހޭ 190 މިލިޔަން ރުފިޔާ މިފްކޯއިން އަދި ނުދީ އޮތް ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކޫއްޑޫގައި ކުރާ މުޒާހަރާގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވެ އަޑު އުފުލަމުންދެ އެވެ. އަދި އެމީހުން ކައިރީ ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. އަދި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އެމީހުންނަށް ނުލިބި ހުރި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށެވެ.

މުޒާހަރާކުރާ މަސްވެރިންގެ ޝަކުވާއަކީ އެ މީހުން ކޫއްޑޫއަށް ކިރި މަހަށް ފައިސާ ނުދޭތާ ތިން މަސްދުވަހަށް ވުރެ ދިގުލައިގެން ދިއުމެވެ.

މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމުން މީގެ ކުރިން ވެސް މަސްވެރިން އިހުތިޖާޖުކޮށްފައިވެ އެވެ.

މިހާރު ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށެވެ. އަދި ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ވެސް ކޫއްޑޫ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.