ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ބުނީ މި އެއާޕޯޓު މަޝްރޫއަށް 400-600 މިލިއަން ޑޮލަރު ކޮންޓްރެކްޓަރު އިންވެސްޓު ކުރާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް އެއްވެސް ފައިސާއެއް ހަރަދެއް ނުކުރާނެ އެވެ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރަނީ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރުގެ ރަންވޭއަކާ އެކު އެވެ.

ފްލައިން ސްކޫލެއްގެ އިތުރުން ކާގޯ ފެސިލިޓީ އާއި ފިއުލްފާމެއް އަދި އެއާކްރާފްޓުތައް ސާވިސްކުރާނެ އެމްއާރުއޯ ފެސިލިޓީ ވެސް އެ އެއާޕޯޓްގައި ގާއިމްކުރާނެ އެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ މަޝްރޫއުތައް ވެސް އެ ކުންފުނިން ހިންގާނެ އެވެ.