މަސްވެރިން ތަހައްމަލު ކުރަމުން އަންނަ މޮޅުވެރިކަމަށް ނިމުން ގެނައުމަށް މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން މިރޭ ދީފި އެވެ.
މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސް އާއި މިފްކޯގެ ސީއީއޯ އާއި މެނޭޖްމެންޓުން މަސްވެރިނާ ބައްދަލުކޮށް އެ މީހުންގެ އުދާސްތަކާއި ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ.
"މި ބައްދަލުވުމުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާ އާއި އެ ބޭފުޅުން ބެހެއްޓެވި ގާތްކަން ނުހަނު އުފަލާ އެކު ބަލައިގަންނަމެވެ،" މިފްކޯގެ ބަޔާނުގައި ބުންޏެވެ.
މިފްކޯގެ ބަޔާނުގައި ބުނީ މަސް އޮޑިފަހަރަށް ދޭން ޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައި ދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭ ގޮތަށް ގުޅިގެން މިފްކޯގެ މެނޭޖްމަންޓު ޓީމުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އަދި ކޫއްޑޫގައި ބޭއްވި ބައްދަލުވުންތަކުގައި ފާހަގަ ކުރެވިފައިވާ ފަދައިން މަސްވެރިންނަށް ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލްތައް ހިއްސާކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ ޕްރޮސެސް ކުރިއަށްދާ ކަމަށް މިފްކޯ އިން ބުންޏެވެ.
"މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަވަސް ހިދުމަތް ފޯރުކޮށްދީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މި ކުންފުނިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށެވެ. މި ފުރުސަތުގައި މަސްވެރިންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި މި ކުންފުންޏަށް ލިބިގެންދާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ،" މިފްކޯ އިން ބުންޏެވެ.