ބަތަކީ އަހަރެމެންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. ތައްޔާރުކޮށްލަން ފަސޭހަ މި ކެއުމަކީ މެދު މިންވަރަކަށް ބޭނުންކުރާ ނަމަ ސިއްހަތަށް ވެސް ވަރަށް ފައިދާހުރި ކެއުމެކެވެ.
ނަމަވެސް ރަނގަޅަށް ރޯނުފިލުވާ ބަތް ކެއުމަކީ އެކަމުގެ ސަބަބުން ސިއްހަތަށް ގިނަ ގެއްލުންތަކެއް ކުރުވާ ކަމެކެވެ. އެގޮތުން ރަނގަޅަށް ނުކައްކާ ބަތް ކެއުމަކީ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.
އިނގިރޭސި ވިލާތުގެ ކްއީންސް ޔުނިވާސިޓީ ބެލް ފަސްޓްއިން ކުރި ދިރާާސާއެއްގައި ދައްކާގޮތުން ހަނޑޫ ގޮވާންކުރާ ދަނޑުތަކުގެ ވެލީގައި ގިނަ އަދަދަކަށް ކެމިކަލްތަކާއި ވިހަ މާއްދާތައް އެކުލެވިގެންވެ އެވެ. މިއީ އާސެނިކް ޕޮއިޒެނިންއަށް ވަރަށް ގިނަފަހަރު މަގުފަހި ކުރުވާ މާއްދާ އެކެވެ.
އެހެން ދިރާސާއެއްގައި ދައްކާގޮތުން ހަނޑުލަކީ ރަނގަޅަށް ނުކައްކައި ބޭނުންކޮށްފި ނަމަ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމަށާއި ރަހިމުގެ ކެންސަރު ޖެހުމަށް ފުރުސަތު ބޮޑުކޮށްދޭ އެއްޗެކެވެ.
އާސެނިކަކީ މައުދަންތަކުގައި ވަރަށް ގިނައިން ފެންނަ ކެމިކަލްއެކެވެ. މިއީ ކާރުޚާނާތަކުގައި ވަރަށް ގިނައިން ބޭނުންކުރެވޭ މާއްދާއެކެވެ. ހަށިގަނޑުގެ ތެރެއަށް މި މާއްދާ ވަދެއްޖެނަމަ ވިހަވެ ހޮޑުލެވުމާއި ބޭރަށް ހިންގުމުގެ އިތުރުން ކެންސަރު ވެސް ޖެހެ އެވެ. ނުކައްކާ ހަނޑުލުގައި ގިނަ އަދަދަކަށް މި މާއްދާ ހުންނައިރު ރަނގަޅަށް ރޯ ނުފިލުވައި ބޭނުން ކުރުމަކީ ސިއްހީ މައްސަލަތައް ކުރިމަތި ވެދާނެ ކަމެކެވެ.
އެހެންކަމުން ހަނޑުލުގައި ހުންނަ ވިހަ މާއްދާތައް ދޮވެލުމަށްޓަކައި ކެއްކުމުގެ ކުރިން ދެތިން ގަޑިއިރު ފެނަށް އަޅާފައި ބެހެއްޓުމަށް މި ދިރާސާގައި ލަފާދީފައިވެ އެވެ. މިގޮތަށް ކަންތައް ކުރުމުން ވިހަ މާއްދާތައް 80 ޕަސެންޓް ދަށްވެ އެވެ.