ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަޝްރޫއުތަކެއް ހިންގުން ލަސްވެގެން ކުވެއިތު ފަންޑުން ދިން ފަންޑުތަކެއް އަނބުރާ ގެންދިޔަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރައްވައިފި އެވެ.
އުތުރުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހދ. ހަނިމާދޫގައި މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ ހިމެނޭ ގޮތަށް އިތުރު ތިން ވަރަކަށް ރަށުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖެހިފައި އޮތް ކަމަށެވެ.
"ކުވައިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައި ދީފައި އޮތީ. ނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރަމުން ގޮސް ކުވައިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަހަލަ ކޮންމެ ފަންޑަކުން ވެސް ފައިސާ ދިނުމުގައި އުސޫލެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ފުރިހަމަ ކުރަން ޖެހޭ ޕްރޮސީޖަތަކެއް ހުންނާނެ ކަމަށާއި އެ ފަންޑު އަނބުރާ ގެންދިޔައީ އެކަންކަން ނުކޮށް ފަރުވާ ކުޑަ ކުރީމަ ކަމަށް ވިދާޅުވި އެވެ.
"އެކަން ލަސް ކުރަމުން ގޮސް އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ. ގެންދިޔައީމަ މި ރަށް ވެސް ހިމެނޭ ގޮތަށް އަނެއް ތިން ރަށަށް ވެސް މަޝްރޫއު ގެއްލުނީ. އެހެންވެގެން މިކަން ނުވެފައި މިއޮތީ،" ރައީސް ވިދާޅުވި އެވެ.
އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުވެއިތު ފަންޑުން އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށާއި އޭރު ފަންޑު ދިނުން އަނބުރާ ގެންގޮސްފައިނުވާ ކަމަށެވެ.
"މިއީ ކަނޑައެޅިގެން ދޮގެެއް، ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން، މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް، ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން ފެނޭ،" އަމީރު ވިދާޅުވި އެވެ.