ކޮރަޕްޝަން ހުއްޓުވުމަށްޓައި ގުޅިގެން މަސައްކަތް ކުރުމަަށް އިސްލާމިކް މިނިސްޓްރީއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ.

އެ އެއްބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވަން ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަނެ އެ މަގުސަދު ހާސިލުކުރެވޭނެ ގޮތެއްގެ މަތިން ކުރާނެ މަސައްކަތްތައް ކަނޑައެޅުން ހިމެނެ އެވެ.

ކޮރަޕްޝަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކޮމިޝަނުން ދޭ ލަފަޔާއި އިރުޝާދު ތަންފީޒު ކުރުމުގައި ދެ ފަރާތުން ގުޅިގެން ކުރާނެ ކަންކަން ކަނޑައެޅުމަކީ ވެސް އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ކަމެކެބެ.

މީގެއިތުރުން ދެ ފަރާތުގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ގާއިމުކޮށް އަމަލުކުރާނެ ގޮތެއް ކަނޑައެޅުން ވެސް އެ އެއްބަސްވުމުގައި ލާޒިމް ކުރެ އެވެ.