ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާ ނާކާމިޔާބު ވެއްޖެ އެވެ.

އިޒީން ސިވިލް ކޯޓުގައި ކުރި ދައުވާގައި ވަނީ "މިހިރީ ނަންބަރު 5" ނަމަކަށް ކިޔާ ބޯޓެއް ގަންނަން 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅަށް ހަވާލުކުރި ކަމަށެވެ.

ބައްޕަ އާ ދެކޮޅަށް އެމައްސަލަ ކައިޒީން ހުށަަހަޅާފައި ވަނީ، ބޯޓުގަނެ ރަޖިސްޓްރީ ކޮށްފައިވަނީ ބައްޕަގެ ނަންމަތީގައި ނަމަވެސް، ބޯޓުގެ މިލުކުވެރި ފަރާތަކީ ކައިޒީން ކަމަށްވާތީ، ކަމަށް ބުނެ އެވެ.

ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލުކުރުމަށް ބައްޕަގެ މައްޗަށް އަމުރު ކޮށްދިނުމަށް ކައިޒީން ކޯޓުގައި އެދުނެވެ.

މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، ކައިޒިންގެ ބައްޕަ އިބްރާހިމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ. އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީ ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަމުން ކައިޒީން އެދުނުގޮތަށް އެ ބޯޓުގެ މިލްވެރިފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.