ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފްއަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އާއްމުންގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ޖޯޑެކެވެ. އެމީހުންގެ ލޯބީގެ ވާހަކައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ވާހަކަ އެކެވެ.

ވިކީއަކީ އޭނާގެ އަންހެނުން ކެޓްރީނާއާ ބެހޭ ގޮތުން މީޑިއާގައި އާއްމުކޮށް ވާހަކަ ދައްކާ ފަންނާނެކެވެ. އެގޮތުން މިފަހުން ވެސް އޭނާ މިވަނީ ކެޓްރީނާއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ ކެޓްރީނާއާ ކައިވެނިކުރި ފަހުން އޭނާއަކީ މާ ކެތްތެރި އަދި މަޑުމައިތިރި މީހަކަށް ވެއްޖެ ކަމަށެވެ.

އޭގެ އިތުރުން އެ ދެމީހުންނަކީ ތަފާތު ޝަހްސިއްޔަތެއްގެ ދެ މީހުން ނަމަވެސް ކެޓްރީނާއަކީ އެކުގައި އުޅެން ވަރަށް ފަސޭހަ މީހެއް ކަމަށް ވެސް ވިކީ ބުނެފައިވެ އެވެ.

ވިކީއާއި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އެ ދެމީހުން ކައިވެނި ކުރުމުގެ ކުރިން މީޑިއާއަށް މާ ބޮޑު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.