"އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާގައި ހިމެނިގެން، ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާ އަށް ގެންދިއުމަށްޓަކައި، 27 ފެބްރުއަރީ 2024 އިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށް ގެންދާނެ އެވެ." އޮޅުން ބޮޅުން ބޮޑު ދިގު ޖުމްލައެކެވެ.
މިއީ 26 ފެބްރުއަރީ ގައި ދިވެހި ރާއްޖޭގެ ދިފާއީ ވުޒާރާ އިން އާންމުކުރި ނޫސް ބަޔާނެއްގެ ޖުމުލައެކެވެ. މި ޖުމްލައިން ދޭހަ ވަނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވާކަމެވެ. އެ ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ހިމެނިގެން، މިހާރު ދުއްވާ ހެލިކޮޕްޓަރު އިންޑިއާ އަށް ގެންދަން އުޅޭކަން ވެސް އެނގެ އެވެ. ލިއުމުގައި ދެން ޖެހިގެން އޮތް ޖުމުލައިގައި އޮތީ ހެލިކޮޕްޓަރު ބަދަލު ކުރާ ވާހަކަ އެވެ. މިހާރު ބޭނުންކުރާ ހެލިކޮޕްޓަރުގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރެއް ހިފައިގެން މަނަވަރެއް އަންނަ ވާހަކަ އާއި އެ މަނަވަރުން މިހާރު ދުއްވާ ހެލިކޮޕްޓަރު ގެންދާނެ ވާހަކަ ވެސް އޮތެވެ.
އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުކުރާ ވާހަކައާ ގުޅިގެން ހެލިކޮޕްޓަރު ވެސް ބަދަލުކުރާ ވާހަކަ ސިޓީގައި ލިޔެފައި އޮތުމުން ސާފުކޮށް އެނގޭގޮތުގައި ހެލިކޮޕްޓަރާއެކު ރާއްޖޭގައި ގާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދިއުމަށް ފަހު އެ މީހުންގެ ބަދަލުގައި ސިފައިންގެ އެހެން ބަޔަކު ރާއްޖެ އަންނަނީ އެވެ.
ދިފާއީ ވުޒާރާގެ ނޫސް ބަޔާނުގައި ބަޔާން ކޮށްފައިވާ ގޮތުގައި ރައީސް މުހައްމަދު މުއިއްޒަށް ދިވެހިންގެ ގިނަ ބަޔަކު ވޯޓު ދިނީ ރާއްޖޭގައި ބޭރުގެ އެއްވެސް މިލިޓަރީއެއް ނުބޭތިއްބުމަށްވެފައިވާ ވައުދުގެ މައްޗަށް ބިނާ ކޮށެވެ. އެހެން ކަމުން ރައީސް މުއިއްޒުގެ ވެރިކަމުގައި ބޭރުގެ މިލިޓަރީ ރާއްޖެއިން ބާލާނެ އެވެ.
ރާއްޖޭގައި އައްޑޫ ގަމުގެ އިތުރުން ދެ ސަރަހައްދެއްގައި މި ވަގުތު ސްޓޭޝަން ކޮށްގެން އިންޑިއާ ސިފައިން ތިބިކަމަށާއި އެމީހުން 10 މެއިގެ ކުރިން ފޮނުވާލުމުގެ ކަންތައް އޮމާންކަމާއެކު ކުރިޔަށް ދާކަން ހާމަކުރުމަށްފަހު ދެން ލިޔެފައި އޮތީ އެކަން ކުރިޔަށް ދާނީ ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ރަހުމަތްތެރި ކަމުގެ ގުޅުން ތަކަށް ބުރޫ ނަރާ ގޮތަށް ކަމުގަ އެވެ.
"ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖޭގެ ސިޔާދަތާއި، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާރައްކާތެރި ކުރެވޭނޭހެން، ރަހުމަތްތެރި ގައުމުތަކާ އެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމެވެ." އިންޑިއާ ސިފައިން ބޭލުމާ ބެހޭ ގޮތުން ރާއްޖޭގެ ދިފާއީ ވުޒާރާއިން ނެރުނު ނޫސް ބަޔާން ނިންމާލަމުން ލިޔެފައިވެ އެވެ.
ދިފާއީ ވުޒާރާގެ ނޫސް ބަޔާނަށް ބަލާލާއިރު ފާހަގަކޮށްލެވޭ ދެ ޕޮއިންޓެއްވެ އެވެ. ފުރަތަމް ޕޮއިންޓަކީ އައްޑޫގައި ތިބި ސިފައިންނާއި ހެލިކޮޕްޓަރު ބަދަލު ކުރާ ވާހަކަ އެވެ. ހެލިކޮޕްޓަރު ގެންދަނީ މަރާމާތަށެވެ. ބަދަލުގައި އެފަދަ އެހެން ހެލިކޮޕްޓަރެއް ގެނެސް ބާއްވައިފަ އެވެ. ހަމަ އެފަދައިން ކުރިން ތިބި ސިފައިން އަނބުރާ ގެންދިއުމަށްފަހު ސިފައިންގެ އެހެން ބެޗެއް އަލުން ގެންނަނީ ކަމުގައި ދޭހަވެ އެވެ. ދެވަނަ ޕޮއިންޓަކީ އަވަށްޓެރި ގައުމުތައް ރުޅި ނާންނާނެހެން ދިފާއީ ކަންކަމުގައި އެއްބާރުލުން ދީގެން ކުރިޔަށް ގެންދިއުމުގެ ވާހަކަ އެވެ.
ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓަކާ އެކު ރާއްޖެ އައިސް، ފައިވިއްދާލައިފައި ތިބި އިންޑިޔާގެ ސިފައިންގެ ލަޝްކަރު ރާއްޖެއިން ބޭލުމަކީ ސަރުކާރުން ވެފައިވާ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ވާހަކަ ދައްކަން ފެށުމާ އެކު އިންޑިއާއިން ވަނީ އެކަމާ ދެކޮޅު ހަދައި ރާއްޖެ އަށް ނުސީދާކޮށް ދަތިކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ހުއްޓުވާލާނެ ކަމުގެ އިންޒާރު ދީ، މުޅި އިންޑިޔާ އެކުގައި ނުކުމެ ރާއްޖެ ބޮއިކޮޓު ކުރުމުގެ ކެމްޕޭނެއް ފެށި އެވެ.
އިންޑިއާ އިން ރާއްޖެ އިނދަ ޖައްސާލުމަށް ތެދުވި ތެދުވުމާ އެކު ދެ ގައުމުގެ ދެމެދުގައި ސިފައިންނާ ބެހޭ މަޝްވަރާތައް ވެސް ދިޔައީ ކުރިއަށެވެ. ދެކެވެމުން ދިޔަ ވާހަކަތަކާ ބެހޭގޮތުން ދެ ސަރުކާރުން ހާމަކުރަމުން ގެންދިޔައީ ތަފާތު ދެ ވާހަކަތަކެކެވެ. ދިވެހި ސަރުކާރުން ބުނަމުން ގެންދިޔައީ އިންޑިއާ ސިފައިން ފައިބަން އެއްބަސް ވެއްޖެ ކަމަށާއި ވަކި ތާރީޚެއް ކަނޑައެޅިއްޖެ ކަމުގަ އެވެ. އިންޑިއާ ސަރުކާރުން ބުނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ އުޅަނދުތައް ދުއްވުން މެދުނުކެނޑި ކުރިޔަށް ގެންދެވޭނެ ގޮތަށް ހަމަ ޖެހިއްޖެ ކަމުގަ އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ހަދިޔާގެ ނަމުގައި ރާއްޖެ ގެނައި އިންޑިޔާގެ އަސްކަރީ އުޅަނދުތަކެއް ރާއްޖޭގައި އުދުއްސައި އެ އުޅަނދާ ބެހޭ ކަންތައް ބެލެހެއްޓުމަށެވެ. އިންޑިއާ އިން ބޭނުން ވަނީ ކޮންމެހެން ވެސް އެ އުޅަނދުތައް ރާއްޖޭގެ ސަރަހައްދުގައި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓު ކުރެވޭނެ ގޮތް ފަހި ކުރާށެވެ. ދިވެހި ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ކުރިމަތީގައި ވެވުނު ވައުދެއް ފުއްދިކަން ދައްކާށެވެ. އެހެންކަމުން އުޅަނދުތައް ދުއްވަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެންނަނީއޭ ބުނުމުން ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވައިލެވުނީ ކަމުގައި ސަރުކާރުން ދެކެ އެވެ.
އިންޑިއާގެ އަސްކަރީ އުޅަނދުފަހަރު ރާއްޖެ ގެނެސް އެ އުޅަނދުތަކުގައި ދިވެހި އަސްކަރިއްޔާގެ ނަން ޖަހައިގެން ރާއްޖޭގެ ސަރަހައްދުގައި ގާއިމުވެ ތިބޭ އިރު ދިވެހި ސިފައިންނަށް އެއިން އުޅަނދަކާ ކައިރިވެލުމުގެ ހުއްދަ ވެސް ނުލިބެ އެވެ. އެފަދަ އަސކްރީ އުޅަނދުތަކެއް ދުއްވަން އިންޑިއާ ސަރުކާރުން މަދަނީ ބަޔަކާ ހަވާލު ކޮށްފާނެ ކަމުގައި ބަޔަކު ބުންޏަސް އެ ވާހަކަ ގަބޫލުކުރާ ދިވެހިން މިހާރު ވަރަށް މަދުވާނެ އެވެ. އެހެންކަމުން އާންމު ގޮތެއްގައި ރައްޔިތުން ބުނަނީ ބާލަނީ އިންޑިއާ ސިފައިންގެ ޔުނިފޯމް ކަމުގަ އެވެ. އިންޑިއާ ސިފައިންގެ ޔިނިފޯމް ބޭލުމާ އެކު ރައީސް މުއިއްޒަށް އެމަނިކުފާނުގެ ވައުދު ފުއްދުނީ އެވެ. އިންޑިއާ އިން ރާއްޖެއަށް ދައްކަމުން އައި ބިރު ދެއްކުން ވެސް ނިމުމަކަށް އައީ އެވެ. ދެ ސަރުކާރުގެ ގުޅުންތައް ބަދަހިވީ އެވެ. އެހެނަސް އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުނު ކަމުގައި ގަބޫލު ކުރާ މީހުން މަދެވެ.