ނަސްލީ ގޮތުން އެހެން މީހުންނަށް ތަފާތުކުރާ ކަމަށް ބުނެ ބޮލީވުޑުގެ ސުޕަސްޓާ ޝާހްރުކް ޚާނަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ މިފަހުން ބޭއްވި އަމްބާނީ އާއިލާގެ ހަފްލާގެ ތެރެއިން ދެކުނުގެ ފިލްމު އިންޑަސްޓްރީގެ ތަރި ރާމް ޗަރަންއަށް ނިސްބަތްކޮށް "އިޑްލީ" މި ބަސް ބޭނުން ކުރުމުންނެވެ. އިޑްލީއަކީ އިންޑިއާގެ ދެކުނަށް ހާއްސަ ކެއުމެކެވެ.

މިކަން ފާހަގަކޮށް ރާމްގެ މޭކަޕް އާޓިސްޓް ޕްރިޔާ ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކޮށްފަ އެވެ. ޕްރިޔާ ބުނީ ޝާހްރުކް ޚާން އެހެން ބުނުމާއެކު އޭނާ އެ ހަފްލާ ދޫކޮށް ދިޔައީ ކަމަށެވެ.

ޝާހްރުކް ޚާންގެ އެ ބުނުމަކީ އިހުތިރާމްކުޑަ ބުނުމެއް ކަމަށް ބުނެ ބައެއް މީހުން ޕްރިޔާއާ އެއްބަސްވާއިރު ޝާހްރުކް ޚާންގެ ސަޕޯޓަރުން ވަނީ އޭނާގެ ދިފާއުގައި ނުކުމެފަ އެވެ.

އެ މީހުން ބުނަމުން އަންނަނީ ޝާހްރުކް ޚާން ބުނެފައިވަނީ އޭނާގެ ފިލްމެއް ކަމަށްވާ "ވަން ޓޫ ކާ ފޯ"ގެ ޑައިލޮގެއް ކަމަށާއި އެއީ އެއްވެސް މީހަކަށް އިހުތިރާމް ކުޑަ ކުރެވޭ ކަމެއް ނޫން ކަމަށެވެ.

އަމްބާނީ ހަފްލާގެ ތެރެއިން ޝާހްރުކް ޚާންގެ ހުށައެޅުމެއް ފެނިގެން ދިޔައިރު އެންމެ ފާހަގަވީ އޭނާއާއެކު ސަލްމާން ޚާންއާއި އާމިރު ޚާން ވެސް އެކުގައި ފެނުނު ކަމެވެ.