ގައުމު ސަލާމަތް ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސައީދުގެ މާލެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ މިސްރާބު ހަމަ މަގުން ނައްޓާލާފައިވާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އަންނަން ހެދީ ދޮގު ކަމަށާއި މިހާރުވެސް ހަދަމުން ދަނީ ދޮގު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ފުރުސަތު ދިން ވަރަކަށް، ފުރުސަތު ދިން ވަރަކަށް ދާނީ އަނެއްކާވެސް އިތުރު ދޮގު ހަދަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހެދުނީ ގޯހެއްކަން ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށާއި އޭރު ދެއްކި ހުވަފެނާއި ހެދި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތައް ރައްޔިތުންނަށް މިއަދު ފެންނަ ކަމަށެވެ.

އެހެންކަމުން ސަރުކާރު ހަމަ މަގަށް އެޅުވުމަށް މަޖިލިސް މުހިންމުކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހަކީ އަޅުގަނޑު މިދެންނެވިހެން މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ތަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.