އައްޑޫ ސިޓީގެ ފެނާއި ކަރަންޓުގެ މައްސަލައަށް ހައްލެއް ނުގެނެވިއްޖެނަމަ، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ މައްސަލަ ކާރިސާއަކަށް ބަދަލުވެދާނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ހާލަތު ވަނީ ކަންބޮޑުވުން އޮތް މިންވަރަށް ނިކަމެތިވެ، މަރާމާތާއި، އަޕްގްރޭޑިންއަށް ބޭނުންވެފައި ކަމަށެވެ.

ނިޒާރު ވިދާޅުވީ ނަރުދަމާގެ ނިޒާމު މިއަދު އޮތް ހާލަތުގެ ސަބަބުން ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާ ކަމަށެވެ. އަދި ދެގަޑި އިރަށް ބޭނުންކުރެވޭ މިންވަރަށް ވެސް ފެނުގެ ރިޒާވެއް ނެތް ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ކަރަންޓު ދިނުން މިހާރު ވެސް ވަނީ ހުއްޓުމަކަށް އައިސްފައި. މި ޚިދުމަތް ތަކަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް. ފެނަކައާއި އަޅުވައި ދޫކުރެވިދާނެ ކަމެއް ނޫން. މިކަމަކީ ވިޔަފާރި އުސޫލުން ދެވެން ޖެހޭނެ ކަމެއް ވެސް ނޫން. މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ އައްޑޫގެ ރައްޔިތުން ކާރިސާގެ ހާލަތުގައި ދިގުމުއްދަތަކަށް ތިބެންޖެހިދާނެ ކަމުގެ ބިރު އެބައޮތް،" މޭޔަރު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އައްޑޫ ސިޓީއަށް ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އައްޑޫ ސިޓީގެ ސެންޓްރަލް ޕަވާ ޕްލާންޓްގެ އެއް މެގަވޮޓްގެ ޖެނެރޭޓަރު ސެޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ތާވަލު ކުރެވިގެން ލޯޑު މަތިވާ ގަޑިތަކުގައި އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ މައްސަލަ ޖެހުނު އެއް މެގަވޮޓްގެ ޖެނެރޭޓަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތަކުގެ އިތުރުން ދެ މެގަވޮޓް ޖެނަރޭޓަރު ސެޓް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.