އެކި ބާވަތްތަކުގެ މަސްތުވާތަކެތި އިޝްތިހާރުކޮށް އެތަކެތި ވިއްކަމުންދިޔަ ޓެލެގްރާމް ޗެނެލް ހިންގި މީހުން ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ޓެލެގްރާމް ޗެނެލް ހިންގި މީހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އެ ޗެނަލްގައި އިޝްތިހާރުކޮށްފައިވާ ތަކެތި ނުފެންނަ ގޮތަށް ފުލުހުން މިހާރު ވަނީ ހަދައިފަ އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ޚަބަރު"ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުުނެ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ހަވަނަ ދުވަހު ފުލުހުންގެ ސައިބަ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް، މި މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށްފަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ތަކެތީގެ ފޮރެންސިކް ތަހުލީލުކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން މި ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށި ވިއްކުމާއި، ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ޗެނަލްގައި 6529 މެންބަރުން ތިއްބެވެ.

މަސްތުވާތަކެތީގެ އިތުރުން ބަދުއަޚްލާގީ ފޮޓޯ އާއި ވީޑިއޯ ވެސް އެ ޗެނަލްގައި ވިއްކަމުންދިޔަ އެވެ.

މި މައްސަލައާ ގުޅިގެން ރަސްމީކޮށް ފުލުހުން ބަހެއް ނުބުނެ އެވެ.