ކޮލަމްބޯ (މާޗް 18) - ސްރީ ލަންކާގެ އުތުރުގެ ސަރަހައްދުގައި ހިންގަން އުޅުނު އިޔާދަކުރަނިވި ހަކައިގެ މަޝްރޫއު އިން ޗައިނާ ބޭރުކޮށް އެ މަޝްރޫއު އިންޑިއާ އިން ދަމައިގެންފި އެވެ.

ލަންކާގެ އުތުރުގެ ޖަފްނާގައި ހަކައިގެ މަޝްރޫއު ހިންގަން ފުރަތަމަ ހަވާލުކުރީ ޗައިނާގެ ކުންފުންޏަކާ އެވެ. އެކަމާ އިންޑިއާ އިން ކަންބޮޑުވެ އިންޑިއާގެ ބޯޑަރާ ކައިރި ސަރަހައްދެއްގައި ޗައިނާގެ ކުންފުންޏަކުން މަޝްރޫއު ހިންގުމަކީ ނިއު ދިއްލީން ހިތްހަމަޖެހޭ ކަމަކަށް ނުވި އެވެ. އެހެންވެ ޖަފްނާގެ ތިން ރަށެއްގައި ހިންގަން ނިންމި ހައިބްރިޑް ޕަވާ ޕްރޮޖެކްޓް އިންޑިއާ އިން އަތުލީ އެ މަޝްރޫއަށް ބޭނުންވާ 11 މިލިއަން ޑޮލަރު ލަންކާ އަށް ހިލޭ ގޮތަށެވެ.

ލަންކާގެ ސަސްޓެއިނަބްލް އެނާޖީ އޮތޯރިޓީ އާއި އިންޑިއާގެ ޔޫ-ސޯލާ ކްލީން އެނާޖީ ސޮލިއުޝަންސްއާ ދެމެދު މި މަހު ކުރީކޮޅު ވަނީ އެއްބަސްވުން ގާއިމްކޮށްފަ އެވެ.

ލަންކާގައި ހަކަތައިގެ މަޝްރޫއު ހިންގާ ސައިޓް އިންޑިއާގެ އޮފިޝަލުން ބަލަނީ.

ހަކައިގެ ޕްރޮޖެކްޓް ލަންކާގެ ކެބިނެޓުން ފާސްކޮށްގެން ޖެނުއަރީ 2021 ގައި އެންމެ ފުރަތަމަ ހަވާލުކުރީ ޗައިނާގެ ސިނީސޯ ކުންފުންޏާ އެވެ. އެކަމަކު ޖަފްނާގެ ތިން ރަށާއި އިންޑިއާއާ ކައިރިވުމުން އެ ގައުމުން ވަނީ ޗައިނާ އިން މަޝްރޫއު ހިންގަން ދެކޮޅު ހަދައިފަ އެވެ. އިންޑިއާގެ ދެކުނުގެ އައްސޭރިއާ މި މަޝްރޫއު ހިންގާ ރަށްތަކާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 50 ކިލޯމީޓަރެވެ. އެހެންވެ އިންޑިއާ އިން ވަނީ ލޯނުގެ ބަދަލުގައި މަޝްއޫއަށް ހިލޭ އެހީ ދޭން ނިންމައި ޗައިނާ ކުންފުނީގެ އަތުން އެ ޕްރޮޖެކްޓް އަތުލައިފަ އެވެ.