އަންނަ މަހު 21 ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓުންގެ ނަމުގެ ފަހަތަށް ޕީއެންއެފް ލޯގޯ ޖަހައިދޭން އެދުނު ނަމަވެސް އެކަން މިފަހަރު ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އަލަށް އުފެއްދުމަށް މަސައްކަތްކުރާ ޕީއެންއެފް އިން މީގެ ކުރިން ވެސް ވަނީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެ ޕާޓީގެ ލޯގޯ ޖަހައިދޭން އެދިފަ އެވެ. މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު 40 ދާއިރާއަކަށް ވާދަ ކުރުމަށް ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން މަޖިލީހަށް ނިކުންނަނީ އަމިއްލަގޮތުން ކަމަށްވުމާއެކު ރަޖިސްޓްރީ ނުކުރާ ޕާޓީއެއްގެ ލޯގޯ ނަމުގެ ފަހަތަށް ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެވެ. އެ ނިންމުން ބަދަލުކޮށްދޭން އެދި ބައްދަލުވުމެއްގައި އަނެއްކާވެސް ހުށަހަޅާފައިވާ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އިއްޔެ އެކްސްގައި ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީއެންއެފްގެ ލޯގޯ ޖެހުމުގެ ހުއްދަ ދިން ނަމަވެސް ވޯޓު ކަރުދާހުގައި ލޯގޯ ޖެހުމުގެ ފުރުސަތު ދެން ނޯންނާނެ ކަމަށެވެ. އެއީ މިހާރު ވޯޓު ކަރުދާސްތައް ޕްރިންޓު ކުރުމުގެ މަސައްކަތް ފަށާފައި ވާތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"ކެންޑިޑެސީ ފޯމް ހުށަހެޅިއިރު ވެސް އަޅުގަނޑުމެން އަންގާފައިވާނެ އެ ޕާޓީ ރަޖިސްޓްރީ ނުކުރެވޭތީ އެ ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށް. މިފަހަރު އެކަން އަޅުގަނޑުމެންނަށް ކޮށްދެވޭކަށް ނެތް،" އިލެކްޝަން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ހުރިހާ"އަށް މިއަދު ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކުރީ ފަހަރާ ހިލާފަށް މިފަހަރު އަމިއްލަ ކެންޑިޑޭޓުންގެ ލޯގޯ ވެސް ނުޖަހަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ލޯގޯގެ ބަދަލުގައި ކޮންމެ ކެންޑިޑޭޓެއްގެ ފޮޓޯ ޖަހައިދޭ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ތާއީދާއެކު މަޖިލީހަށް ވާދަކުރައްވާ މެންބަރުންގެ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ޖެހުމަށް މީގެ ކުރިން ވެސް އެ ޕާޓީން އީސީގައި އެދުނެވެ. ނަމަވެސް އޭރު ޕީއެންއެފްއަކީ ރެޖިސްޓަރީ ނުވެ އޮތް ޕާޓީއަކަށް ވާތީ އެ ކޮމިޝަނުން ނިންމީ ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ނުދިނުމަށެވެ.