ޖަރުމަންގެ އާރްބީ ލިޕްޒިގް އަށް ކުޅެމުންދާ ފްރާންސްގެ ޑިފެންޑަރު ޑަޔޯ އުޕަމެކާނޯ ބަޔާން މިއުނިކް އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ހަސަން ސަލިހަމިޑްޒިކްއާ ހަވާލާދީ ޖަރުމަންގެ ބައެއް މީޑިއާތަކުން ބުނީ އުޕަމެކާނޯ ބަޔާނަށް ވިއްކާލަން ލިޕްޒިގް އިން އެއްބަސްވެފައިވާ ކަމަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުންދާ އުޕަމެކާނޯ ،22، ބަޔާނަށް ބަދަލުވަނީ 51 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ.

ޔޫރަޕްގެ އެންމެ އުންމީދީ އެއް ޑިފެންޑަރުގެ ގޮތުގައި ބެލެވިފައިވާ އުޕަމެކާނޯ އަށް ލިވަޕޫލާއި ޗެލްސީން ވެސް ޝައުގުވެރިވި އެވެ. ބެލެވޭ ގޮތުގައި ބަޔާނަށް އުޕަމެކާނޯ ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

"އުޕަމެކާނޯ އަކީ ވަރަށް މޮޅު، ޒުވާން ކުޅުންތެރިއެއް. އޭނާ ގަބޫލްކުރާ ގޮތުގައި ދެން އިތުރަށް ކުރިއަށް ދިއުމުގެ މަގު ފަހިވާނީ ބަޔާންގައި،" ސަލިހަމިޑްޒިކް ބުންޏެެވެ.

ބަޔާން އަށް ކުޅެމުންދާ ޑިފެންޑަރު ޑޭވިޑް އަލަބާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާއިރު، ބަޔާން އިން ދިޔައީ އޭނާގެ ބަދަލުގައި ރަނގަޅު ކުޅުންތެރިއެއް ހޯދުމަށެވެ.