ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމަށް މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދު ވިދާޅުވި ވިދާޅުވުމަކީ ތެދެއްކަން ހާމަވެއްޖެ އެވެ.

ޕީސީބީގެ ރައީސާއި ނައިބު ރައީސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އުޅުއްވުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. މި ހަފުތާގެ ތެރޭގައި މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދު މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން އޭނާގެ ފަރާތުން ވެސް ވަނީ އެކަންބޮޑުވުން ހިއްސާކޮށްފަ އެވެ.

ނަމަވެސް ޕީސީބީގެ ރައީސް ހަމްދީ އަގީލް ވަނީ އެ ވާހަކަ ދޮގުކުރައްވާފަ އެވެ. ހަމްދީ ވިދާޅުވީ އެ ބޯޑުގެ އެއްވެސް މެމްބަރަކު ސިޔާސީ އެއްވެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ނެތް ކަމަށެވެ.

ހަމްދީ ކޮމިޓީގައި ހެއްދެވީ އިތުރުފުޅެއްކަން "ހުރިހާ"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ފިރާޒްގެ އައިޑީކާޑް ނަންބަރާއެކު، އޭނާ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވޭތޯ ބެލުމަށް 1414 އަށް "ހުރިހާ" އިން އެސްއެމްއެސް ފޮނުވުމުން އޭނާ އަކީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރެއްކަން ވަނީ ކަށަވަރުކުރެވިފަ އެވެ.

ފިރާޒް ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވަނީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުކަން އިލެކްޝަންސް ކޮމިޝަނުން ފޮނުވި އެސްއެމްއެސް އިން ކަށަވަރުވެ އެވެ. އޭނާގެ އެޑްރެހަކީ ހއ. އިހަވަންދޫ، އާޒާދީބަހާރުއެވެ.

ވަކި ބައެއްގެ ނުފޫޒުން އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް މިފްކޯގެ ސީއީއޯ ޝަމާހް ޕީސީބީން ސަސްޕެންޑުކުރި ކަމަށް އޭނާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޝަމާހު ވިދާޅުވީ އޭނާގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ޕީސީބީއަށް މައްސަލަ ހުށަހެޅީ މިފްކޯގައި ޒަމާންތަކެއް ވަންދެން ހިންގަމުން އައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އޭނާ ފިޔަވަޅު އެޅުމުން ކަމަށެވެ. ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ކުރި ސުވާލުތަކަށް ޕީސީބީގެ ރައީސް ހަމްދީއަށް އެކަށީގެންވާ ޖަވާބެއް ދެވިފައެއްނުވެ އެވެ.