މޭރީލޭންޑް (މާޗް 27) - ދެން ސަލާމަތެއް ނެތްކަން ބިޔަ ބޯޓުގެ ފަޅުވެރިންނަށް ވެސް އެނގެ އެވެ. ގާތްގަނޑަކަށް 948 ފޫޓު (289 މީޓަރު) ދިގު ބޯޓު ލާހޫރެން ދޫވެފައި އޮތުމަކީ ކޮންމެވެސް ނުރައްކަލެއް ހިނގައިފާނެކަމެކެވެ. އެހެންވެ އިމަޖެންސީއެއް ދިމާވުމުން ކުރަންޖެހޭ ހުރިހާ ކަމެއް ފަޅުވެރިން ވަނީ ކޮށްފަ އެެވެ.

އެމެރިކާގެ މެރީލޭންޑުގެ ބޯލްޓިމޯ ބަނދަރުން ފުރައިގެން ސްރީ ލަންކާ އަށް ދަތުރުކުރަން ހަމަޖެހިފައިވާ 27 ދުވަހުގެ ދަތުރަށް ފެށުމާ އެކު ބޯޓުގެ އިންޖީނު ހުއްޓުނެވެ. އޭގެ ފަހުން ބޯޓު ހޫރެމުން ދިޔައީ ސިޓީގެ މަޝްހޫރު ފްރާންސިސް ސްކޮޓް ކީ ބްރިޖާ ދިމާލަށެވެ. އޭރު މެންދަމުގެ ވަގުތެވެ. ބޯޓުގެ ލައިޓްތައް ނިވުމުން ފަޅުވެރިންނަށް ވެސް ވާނުވާއެއް ނޭނގުނެވެ. ބޯޓު އޮޔާ ދިއުން ހުއްޓުވަން ކުރެވޭނެ ކަމެއް ނެތެވެ. އިންޖީނު ހިންގޭތޯ ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އޭރު ބޯޓުގައި ހުރި ލޯކަލް ޕައިލެޓަކު އިރުޝާދު ދެމުންދިޔައީ ބަނދަރާ ދިމާލަަށް ދާނެ ގޮތަށް ހުންގާނުގައި ވަރުގަދައަށް ހިފުމަށެވެ. ނޫނީ އެންކާކުރުމަށެވެ.

ބޯޓުގެ ޕައިލެޓުންނަށް ގޮތް ހުސްވުމާ އެކު އެ މީހުން ވަނީ އެކްސިޑެންޓެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެރޭ 1.30 ހާއިރު އިންޒާރުގެ މެސެޖެއް ނެރެފަ އެވެ. މެރީލެންޑުގެ ޓްރާންސްޕޯޓް އޮތޯރިޓީ އަށް ވެސް މި މެސެޖް ވަނީ ލިބިފަ އެވެ.

ކޮންޓެއިނާ ބޯޓުން ޖެހި ބްރިޖުގެ ތަނބެއް ވަނީ ވެއްޓިފައި

މެރީލެންޑުގެ ގަވަރުނަރު ވެސް މޯ ފަހުން ވަނީ ބޯޓުގެ ފަޅުވެރިން ކުރި މަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ބޯޓުގެ ފަޅުވެރިންނަކީ ބަތަލުންތަކެކެވެ. ސަބަބަކީ ފަޅުވެރިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކަމާބެހޭ ފަރާތްތަކުން ވަނީ ބްރިޖުގެ ޓްރެފިކް ހުއްޓުވައިފަ އެވެ.

ގާތްގަނޑަކަށް 2.4 ކިލޯ މީޓަރު ބޯލްޓިމޯ ބްރިޖުގެ ކޮންކްރީޓް ތަނބެއްގައި ބޯޓު ގޮސް ޖެހުމާ އެކު އެ ތަނބު ފުނޑުވި އެވެ. މި ހާދިސާގައި ހަ މީހަކު މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ބްރިޖުގައި މަސައްކަތް ކުރަން ކުޅުނު ބައެއް ކަމަށް ބެލެެވެ އެވެ.

ބޯޓުގައި ތިބީ އިންޑިއާގެ 22 ފަޅުވެރިންނެވެ. އޭގެ ތެރޭން އެކަކަށް ވެސް ގެއްލުމެއް ނުލިބެ އެެވެ.

އެކަމަކު މީގެ 47 އަހަރު ކުރިން ހުޅުވި ބްރިޖް ވެއްޓުމަކީ އެ ސިޓީގެ މީހުންނަށް ވެސް ލިބުނު ޝޮކެކެވެ. އެއީ މެރީލެންޑުގެ ގާތްގަނޑަކަށް 30،000 މީހުން ކޮންމެ ދުވަހަކު ވެސް ދަތުރުކުރާ ބްރިޖެކެވެ.