ސްޓެލްކޯގެ އިންޖީނުގެއާ ޖެހިގެން އޮންނަ ދޮން އަދާރަ ހިނގުން އާއްމުންނަށް ހުޅުވައިލަން ބޭއްވި ހާއްސަ ހަފުލާއަށް އެ ކުންފުނީގެ ބަޖެޓުން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެފި އެވެ.

ސްޓެލްކޯއިން މި މައުލޫމާތު ދިނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ހަފުލާއަށް ދިޔަ ހަރަދުތައް ހޯދުމަށް "އަދަދު" ނޫހުން އެދުމުންނެވެ.

އެ ހަފްލާ ބާއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ އެވެ. އެ ހަފްލާއަށް ސްޓެލްކޯގެ ބަޖެޓުން ހަރަދުކޮށްފައިވަނީ ޖުމްލަ 55،545.ރ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ ކޭޓަރިންއަށް ހަރަދުވި 54،270 ރުފިޔާ އާއި އެހެނިހެން ހަރަދުގެ ގޮތުގައި ހަރަދުވި 1،275 ރުފިޔާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސާދަ އަހަރުން ފަހުން އެ މަގު ހުޅުވުމަށް ބޭއްވި އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. ދޮންއަދަރާދަ ހިނގުން ހުޅުވާލަން ނިންމި އެންމެ ބޮޑު އެއް ބޭނުމަކީ މާލޭގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައި ދިނުމެވެ.

ދެހާސް ދިހަ ވަނަ އަހަރު މާލޭގެ ކަރަންޓު ވިއުގައިގެ ކެޕޭސިޓީ އިތުރުކުރުމަށް އެ ސަރަހައްދުގައި އިންޖީނުގެއެއް ހެދުމަށް ބަންދުކުރި އެ މަގުގައި ހުރި ޖަނެރޭޓަރު މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.