އިޓާލިއަން ސޭރިއާގައި ރޭ ސްޕޭޒިއާ އަތުން 2-0 އިން ބަލިވެ، ތާވަލްގެ އެއްވަނައިގައި އޮތް އޭސީ މިލާނަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ބޭކާރުވެއްޖެ އެވެ.

ސްޕޭޒިއާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޫލިއޯ މަގިއޯރޭ އާއި ސިމޯން ބަސްޓޯނީ އެވެ. މިއީ އިޓާލިއަން ސޭރިއާގައި ސްޕޭޒިއާ އަމިއްލަ ދަނޑުގައި މޮޅުވި ދެވަނަ މެޗެވެ. މި ސީޒަންގައި ސޭރިއާއަށް ޕްރޮމޯޓްވި ސްޕޭޒިއާ ވަނީ މިހާރު ތާވަލްގެ 14 ވަނަ އަށް ޖެހިލައިފަ އެވެ.

މިއީ މި ސީޒަންގެ ސޭރިއާގައި މިލާން ބަލިވި ތިން ވަނަ މެޗެވެ. އެކަމަކު ތާވަލްގެ އެއްވަނައިގައި މިލާން އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކު އެވެ. ދެވަނައިގައި އޮތް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ ލީގުގައި ރޭ ނަޕޯލީ އަތުން 1-0 އިން ބަލިވެފަ އެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގެ 31 ވަނަ މިނިޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ލޮރެންޒޯ އިންސިންޔޭ އެވެ. މި މޮޅާއެކު، ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ އަށް ވެސް ވަނީ ފިނިކަމެއް ލިބިފަ އެވެ. މި މެޗުން ބަލިވެއްޖެ ނަމަ، އޭނާ މަގާމުން ވަކިކުރާނެކަމުގެ އަޑުތައް މެޗުގެ ކުރިން އޮތީ ފެތުރިފަ އެވެ. – ބީބީސީ