ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ މަނީގްރާމް އާއި އުރީދޫގެ އެމް-ފައިސާގެ ޕާޓްނާޝިޕެއްގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވޭނެ ޚިދުމަތް ތައާރަފުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ މި ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމަށް މަގުފަހިވާނެ ކަމަށެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް ބޭންކް އެކައުންޓް، މޮބައިލް ވޮލެޓް ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ގޮތަށް ފޮނުވޭނެ އެވެ. ނަމަވެސް އެއީ ފައިސާ ލިބޭ ފަރާތް ދިރިއުޅޭ ފަރާތް އުޅޭ ގައުމުން އެ ޚިދުމަތް ލިބޭ ނަމަ އެވެ.

އުރީދޫގެ ސީއީއޯ ޚާލިދް އަލް-ހަމާދީ ވިދާޅުވީ އެއީ ގިނަ ބަޔަކަށް ފަސޭހަތަކެއް ފޯރުކޮށްދޭނެ ޚިދުމަތެއް ކަމަށެވެ.

"އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ އަދި މަނީގްރާމްއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ރާއްޖޭގައި މިއަދު މިފެށުނީ. ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި، ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައި ވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް،" އޭނާ ވިދާޅުވި އެވެ.

ސީއީއޯ އިތުރަށް ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެ ކަމަށާއި، މި ޚިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ރަގަޅަށް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

މި ޚިދުމަތްތަކަކީ އެންމެންނަށް ފަސޭހަކަމާއެކު ލިބޭ ޚިދުމަތްތަކަށް ހެދުމަށް އަބަދުވެސް އުރީދޫއިން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ މަނީގްރާމްއަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މަނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

"އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމާއެކު ދިވެހިރާއްޖެއިން ފައިސާ ފޮނުވުމުގެ ޚިދުމަތް ފަހިވެގެން މިދިޔައީ. ހަމަ މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެންދިޔައީ،" ދެކުނު އޭޝިއާގެ މަނީގްރާމް ރީޖަނަލް ހެޑް, ނަވީދު އަޝްރަފު ވިދާޅުވި އެވެ.

އުރީދޫއަށް ލައިސަންސް ލިބުމާއެކު، އިންޓަނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށް ވެސް، އެމް-ފައިސާގެ ޚިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އުރީދޫއިން ބުނެ އެވެ.