މި ރޯދަމަހު ވައްކަންތައް އިންތިހާއަށް އިތުރުވެ، މިދިޔަ މާޗް މަހު އެކަނި 321 މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުން ރޯދަމަހާއެކު ވައްކަންތައް އިތުރުވެ، މިދިޔަ މަހު ޖުމްލަ 1،127 މައްސަލަ ފުލުހުންނަށް ހުށައެޅިއިރު އޭގެ ތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލަ އެވެ.

ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަށް ހާމަކުރަން ފެށީންސުރެއް ވައްކަމުގެ މައްސަލަތައް ހުރީ އެވްރެޖްކޮށް 3،000 އިން މަތީގަ އެވެ. 2022 ވަނަ އަހަރު ނިމުނުއިރު ވައްކަމުގެ 3،973 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ވައްކަމުގެ 3،818 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ މަހު ވެސް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަ އެވެ. އެގޮތުން ވައްކަމުގެ 321 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

މާރިޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން މުދާ ގެއްލިގެން 90 މައްސަލައެއް ހުށައަޅާފައިވެ އެވެ. މަކަރާއި ހީލަތް ހެދުމުގެ 47 މައްސަލައަކާއި މާރާމާރި ހިންގުމުގެ 74 މައްސަލައަކާއި، އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ 68 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށައަޅާފަ އެވެ.

ފުލުހުން ބުނީ މިދިޔަމަހު ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައަކާއި ފޭރުމުގެ 48 މައްސަލައަކާއި ގެވެށި އަނިޔާ ކުރުމުގެ 20 މައްސަލައެއްގެ އިތުރުން ފޯޖުކުރުމުގެ 9 މައްސަލައެއް މިދިޔަމަ މަހު ހުށައަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރޯދަމަހު ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ފުލުހުންނަށް ހުށައަޅަނީ ހެނދުނު 9:00ގެ ފަހުން ކަމަށާއި ވައްކަން އެންމެ ގިނައިން ހިނގާ ކަމަށް ބެލެވެނީ ރޭގަނޑު 10:00 އާއި ހެނދުނު 9:00 އާ ދެމެދު ކަމަށެވެ.