އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި ކުޑަކުދިންގެ މައްސަލަ ބަލައި އެކުދިންނަށް އަދަބު ދިނުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލައިފި އެވެ.

ސޯޝަލް މީޑިއާގައި ރޭ އާއްމުވި ވީޑިއޯއެއްގައި ފެންނަނީ، ތަރާވީސް ނަމާދު ކުރަމުން ދިޔަ ވަގުތު، ދެ ފިރިހެން ކުއްޖަކުވެގެން، އެއަށް ވުރެ ކުޑަކުއްޖަކަށް އަނިޔާކޮށް، މައްލަވަކުރަމުން ދިޔަ ތަނެވެ.

ގާތްގަނޑަކަށް ދެ މިނިޓެއްހާއިރުގެ އެ ވީޑިއޯގައި، އެތައް ފަހަރަކު އެ ކުއްޖާގެ ގައިގައި ޖަހާތަން ފެނެ އެވެ. ކަނދުރާމަތީގަ އާއި ބޮލުގައި ގޮށްމުށުންނާއި ކޮޅުފައިން ޖަހަ އެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލަ އެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާކަން ހާމަކުރައްވާ ފުލުހުން ބުނީ ކުޑަކުއްޖާއަށް އަނިޔާ ކުރަނީ ވެސް ކުޑަ ދެ ކުދިން ކަމަށްވާ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށެވެ.

މިވީޑިއޯ އިން ފެންނަ މަންޒަރުތަކަކީ ބަލަން އުނދަގޫ އަދި ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނާނެ ފަދަ މަންޒަރުތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑީއާގައި ދައުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު ކުއްޖަކީ އއ. މަތިވެރިއަށް ނިސްބަތްވާ ކުއްޖެކެވެ. ރަސްދޫއަށް އެކުއްޖާ ދިޔައީ އާއިލާއެކު ޗުއްޓީއަށެވެ.

މިމައްސަލައާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މިމައްސަލާގައި މުޅިން ވެސް ހިމެނެނީ ކުޑަކުދިން ކަމަށްވާތީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބަލައި ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ކުޑަކުދިންގެ ތެރޭގައި ވެސް ޖިނާއީ ކުށްތަކުގެ ތެރޭގައި އުޅޭ ކުދިން ގިނަވަމުންދާތީ އާއި ޖީނާއީ ކުށެއް ކޮށްފިނަމަ އެކަމެއް ބަލައި އެ ކުށަކާ އަދި އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތުން ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލުތަކެއް ހެދިފައި އޮންނަންޖެހޭ ކަމަށް ވެސް ބުންޏެވެ.

ވީޑިއޯ އާންމުވުމާ ގުޅިގެން ރަސްދޫގެ ބަޔަކު ވަނީ ވީޑިއޯ އިން ފެންނަ ކުދިން ދިރިއުޅޭ ގެތަކުގެ ކައިރިއަށް އެއްވެ އެ ކުދިންނަށް އަދަބު ދިނުމަށްވެސް ގޮވާފަ އެވެ.