އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ.

ރަސްދޫގައި ރޭ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް މިއަދު ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް ހިމެނެ އެވެ.

ރަސްދޫގައި މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. މިމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާކަން ހާމަކުރައްވާ ފުލުހުން ބުނީ ކުޑަކުއްޖާއަށް އަނިޔާ ކުރަނީ ވެސް ކުޑަ ދެ ކުދިން ކަމަށްވާ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ރޭ އާއްމުވި ވީޑިއޯއެއްގައި ފެންނަނީ، ތަރާވީސް ނަމާދު ކުރަމުން ދިޔަ ވަގުތު، ދެ ފިރިހެން ކުއްޖަކުވެގެން، އެއަށް ވުރެ ކުޑަކުއްޖަކަށް އަނިޔާ ކުރާ ތަނެވެ. ގާތްގަނޑަކަށް ދެ މިނިޓެއްހާއިރުގެ އެ ވީޑިއޯގައި، އެތައް ފަހަރަކު އެ ކުއްޖާގެ ގައިގައި ޖަހާތަން ފެނެ އެވެ. ކަނދުރާމަތީގަ އާއި ބޮލުގައި ގޮށްމުށުންނާއި ކޮޅުފައިން ޖަހަ އެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލަ އެވެ.