ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްވެ އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމަށް މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފި އެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ޖަލްސާ ފަސްކުރީ ކަމަށެވެ.

"ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ދެން ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިޢުލާން ކުރާނަން. ޕީއެންއެފް ނުހުއްޓުވޭނެ," މަލީހު ވިދާޅުވި އެވެ.

މާދަމާ ރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި އެ ޖަލްސާ ބާއްވަން ކުރިން ތާވަލްކުރީ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ.

ޖަލު ހުކުމެއްގައި ހުންނެވި ޔާމީން މިހާރު ހުންނެވީ ގޭބަންދުގަ އެވެ. ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ދީފައިނުވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.