ސަރުކާރުން ބޭރު ގައުމުތަކަށް އައްޔަންކުރާ ސަފީރުންނަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ކޮމިޓީން ލަސްކުރާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު ހުސައިން ޝަމީމް (އަނދުން ހުސައިން) ރައްދު ދެއްވައިފި އެވެ.

މިވަގުތު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ބޭރު ގައުމުތަކަށް އައްޔަން ކުރައްވާ ސަފީރުންގެ މައްސަލަ ވެސް އޮތީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ތާށިވެފައި ކަމަށެވެ. އެގޮތުން ކޮމިޓީ ނުބާއްވައި ދިގުލައިގެންދިއުމުގެ ސަބަބުން ސަފީރުން ފޮނުވުން ލަސްވެފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރު އަނދުން ހުސައިން ރާއްޖެ ޓީވީއަށް ވިދާޅުވެފައި ވަނީ އެ މަސައްކަތް ލަސްވެފައި ވަނީ ކޮމިޓީން ކުރަންޖެހޭ ކަމެއް ނުކޮށްގެނެއް ނޫން ކަމަށެވެ. އަދި ރައީސް ސަފީރުން އައްޔަން ކުރައްވާފައިވަނީ ގާނޫނެއް ބައްލަވައިގެނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ސަފީރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާން ޖެހޭ ކަމަށާއި، ބޭރު ގައުމެއްގެ ރައްޔިތުކަން (ޑުއަލް ސިޓިޒަންޝިޕް) އޮންނަ ފަރާތަކަށް ވެގެން ނުވާނެ ކަމަށް ފޮރިން ސާވިސް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެއާ ޚިލާފަށް ވެސް ބައެއް ސަފީރުންގެ ނަންތައް ފޮނުވާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ސިޓީބިޓީ ބަދަލުކޮށް، ބައެއް ބޭފުޅުން ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލައި އަލުން އެކަމުގެ ލިޔެކިޔުން ހުށަހަޅައި، އެފަދަ ކަންކަމަށް ވަގުތުތައް ހޭދަވެގެން ދިޔަކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

"ނަންތައް ފޮނުއްވާފައިވަނީ ގާނޫނެއް ބައްލަވައިގެނެއް ނޫން. ދެން އަޅުގަނޑުމެން މި ބުނަން ޖެހެނީ މާތްކަލާކޯއޭ ދިވެއްސަކަށް ނޫނީ ސަފީރަކަށް ނުވެވޭނެއޭ. ދެން އެކަމުގައި ސިޓީބިޓީ ބަދަލުކުރަން ހަފްތާތައް ނަގައިގެން ދިޔަ. ފޮރިން ސާވިސް ގާނޫނާ ޚިލާފަށް ނަންތައް ފޮނުވީމާ ދެކޮޅުން ސިޓީބިޓީ ބަދަލުކުރަންވެގެން ލަސްވަނީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބޭރު ގައުމުތަކުގެ އެފަދަ ބައެއް މަގާމުތަކަށް އައްޔަން ކުރާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ވަކި ފެންވަރެއްގެ މަގާމެއް އަދާކުރަމުން އަންނަ ފަރާތަކަށްވުން ލާޒިމުކޮށްފައިވާއިރު، އެ ޝަރުތު ފުރިހަމަނުވާ ބައެއް ބޭފުޅުންގެ ނަންފުޅުތައް ވެސް ރައީސް ފޮނުއްވާފައިވާކަން މެމްބަރު ހުސެއިން ފާހަގަ ކުރެއްވި އެވެ. އަދި އެކަން ކޮމިޓީން ސަމާލުކަމަށް ގެނައުމުން، "ބެކް ޑޭޓް" ކޮށް، އެ ބޭފުޅާ ފޮރިން މިނިސްޓްރީގެ މަގާމަކަށް އައްޔަން ކުރައްވާފައިވާ ކަމަށް ލިޔުން ރައީސް އޮފީހުން ތައްޔާރުކޮށްގެން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޮމިޓީން އޭގެ ކުރިން ފޮރިން މިނިސްޓްރީ މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، އޭނާއަކީ ފޮރިން މިނިސްޓްރީގެ މަގާމެއްގައި ވެސް ހުރި ބޭފުޅެއް ނޫންކަން ފާހަގަ ކުރައްވައި ހުސެއިން ވިދާޅުވީ ބެކް ޑޭޓްކޮށް ރައީސް އޮފީހުން ސިޓީ ފޮނުވުމަކީ ކޮމިޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ރައީސްގެ އަނބިކަނބަލުންނާއެކުގައި ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި، އަދި ބައިލެޓްރަލް/ ޚާރިޖީ ގުޅުންތަކާ ގުޅުންހުރި އެއްވެސް ދާއިރާއެއްގެ ތަޖުރިބާއެއް ވެސް ނެތް ބޭފުޅުން ވެސް ހިމެނޭ ކަމަށް ހުސެއިން ވިދާޅުވި އެވެ. އޭގެ އިތުރުން، ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ކޮމިޓީން ބަލައި، ހުރިހާ ބޭފުޅުންނާ އިންޓަވިއު ވެސް ކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ބޭފުޅުން އަރިހުގައި ސަފީރުކަމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސުވާލުކުރުމުން، ބައެއް ބޭފުޅުން ވަނީ އަދި ގާނޫނު އަސާސީ ބައްލަވާނުލެވޭ ކަމަށް އިންޓަވިއުގައި ޖަވާބު ދެއްވާފައި ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ބަންދު ދުވަސްތައް ނިމި މަޖިލިސް ހުޅުވުމުން ކޮމިޓީގެ ރިޕޯޓު ތަޅުމަށް ފޮނުއްވާނެ ކަމަށެވެ.