ބޮލީވުޑްގެ ތަރިން ވަނީ ނިމިދިޔަ އީދުގެ މުނާސަބަތު އެކި ގޮތްގޮތަށް ފާހަގަ ކޮށްފަ އެވެ. ބައެއް ތަރިން ގޭގައި އީދު ކެއުން ބޭއްވިއިރު ބައެއް ތަރިން އީދު ފާހަގަކުރީ އެމީހުންގެ މަސައްކަތްތައް އާއްމުންނަށް ގެނެސްދެމުންނެވެ.

އެހެން ނަމަވެސް ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް ފަންނާނު ކަމަށްވާ އާމިރު ޚާންއާއި އޭނާގެ އާއިލާއިން މި އީދު ފާހަގަކުރީ މުޅިން ތަފާތުކޮށެވެ.

އެގޮތުން އާމިރުއާއި އޭނާގެ ދަރިން ކަމަށްވާ ޖުނައިދު ޚާން އަދި އާޒާދު ޚާން ވަނީ މުމްބާއީގެ ބެންޑްރާގައި އެމީހުން ދިރިއުޅޭ ގޭގެ ބޭރުގައި އާއްމުންނަށް ފޮނިތަކެތި ބަހާފަ އެވެ.

އެކަން ކުރުމުގައި ޚުދު އާމިރު ޚާންވެސް ބައިވެރިވި އިރު އެކަމުގެ ސަބަބުން އޭނާއަށް އާއްމުންގެ ތަރުހީބާއި ތައުރީފު އަންނަނީ އޮހެމުންނެވެ.

އެގޮތުން އީދުގައި ސަދަގާތް ކުރުމަކީ އެ މުނާސަބަތު ފާހަގަކުރަން އެންމެ ރަނގަޅު ގޮތް ކަމަށާއި ދަރިންނަށް އެ ނަމޫނާ ދައްކައިދިނުމަކީ ވެސް ބެލެނިވެރިކަމުގެ މިސާލެއް ކަމަށް އެމީހުން ބުނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު "3 ޚާން"ގެ ތެރޭގައި ދެން ހިމެނޭ ޝާހްރުކް ޚާނާއި ސަލްމާން ޚާން އީދު ފާހަގަކުރީ އެމީހުންގެ ގެއިން އާއްމުންނަށް ސަލާމް ކޮށްގެންނެވެ.