ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާ ކަމަށާއި، އަދި އެންމެ ދުވަހެއް ވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު މެންދުރުފަހު ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފީއަލީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަގީގަތަކަށްވުމަކީ، ރައްޔިތުން ވެސް އެންމެ ބޭނުންވާ ގޮތްކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާކަމުގަ އެވެ. އެހެންކަމުން އެކަންކަން ހަގީގަތަކަށް ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.

ފ.ފީއަލީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވަނީ... ފޮޓޯ: ރައީސް އޮފީސް

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ގާތުން އެނގިވަޑައިގަތުމުން އެކަންކަން އަވަހަށް ތަންފީޒުކުރުމަށް ފަސޭހަވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެއާ އެކު މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދުމަށް މަސައްކަތްޕުޅުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވި އެވެ.

ފީއައްޔަކީ، ރައީސް ނިލަންދެ އަތޮޅު އުތުރުބުރީ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އެންމެ ފަހު މަންޒިލެވެ.