ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،300 އަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލު ކުރަން ހައުސިން މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ބަދަލުކުރަން ދިން މުއްދަތު މިހާރު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ގޯތި ބަދަލުކުރަން ކުރިން ދިން ސުންގަޑި ހަމަވީ މި މަހުގެ 7 އަށެވެ. މިހާރު ސުންގަޑި އިތުރުކޮށްފައިވާތީ "ހިޔާވަހި" ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ރޭ 11:00 އާ ހަމައަށް އޮންނާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅަށް ގޯތިތައް ބަދަލުކުރަނީ ގިރާވަރުފަޅުގައި ޖާގަ ނެތުމުން ކަމަށެވެ.

"ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށެވެ،" ހައުސިންގެ އިއުލާނުގައި ވެ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލު ކުރާނީ 1،347 ގޯތި ކަމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން މި ބަދަލު ގެނަން ނިންމިއިރު، ގިރާވަރުފަޅުގައި ފްލެޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ސަރުކާރުން މިގޮތަށް ނިންމި އިރު، ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.