ގިރާވަރުފަޅުން ދޫކުރި 1،300 އަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލު ކުރަން ހައުސިން މިނިސްޓްްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލު ކުރާނީ 1،347 ގޯތި ކަމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ގުޅިފަޅަށް ގޯތިތައް ބަދަލުކުރަނީ ގިރާވަރުފަޅުގައި ޖާގަނެތުމުން ކަމަށެވެ.

"ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިކަމަށްވާތީ މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށެވެ،" ހައުސިންގެ އިއުލާނުގައި ވެ އެވެ.

ސަރުކާރުން މި ބަދަލު ގެނަން ނިންމިއިރު، ގިރާވަރުފަޅުގައި ފްލެޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ސަރުކާރުން މިފަދައިން ނިންމި އިރު، ގޯތި ލިބުނު ތަނަކުން ގޯތި ދޫކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

"އަޅުގަނޑު މި ވައުދުވީ، ނުހިއްކާ އޮތް ތަނުން ވެސް، ފަޅު ތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނީއްޔާމު އެ ފްލެޓެއް ދޭން ނިންމި ތަނަކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑު ވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މި ތިބީ. އިރާދަކުރެއްވިއްޔާ އެ ވައުދު ހަމަ އެ ގޮތަށް ފުއްދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.