ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ކަރަންޓު ދޫކުރަންވީ ހަމައެކަނި އެ ޕާޓީގެ މީހުންގެ ގެތަކަށް ކަމަށް ބުނެ ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ދެއްކެވި ވާހަކަ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން ކުށްވެރިކޮށްފި އެވެ.

އެ ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ރަޝީދު ވަނީ ކަރަންޓް ވެސް ދޫކުރަންވީ ހަމަ އެކަނި ޕާޓީގެ ގެތަކަށް ކަމުގައި ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ދެއްކެވި ވަހަކަތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އޭނާ ދެއްކެވި ވާހަކަތަކަކީ ރައީސް މުއިއްޒުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި އެ ޕާޓީގެ ސިޔާސަތެއް ވެސް ނޫން ކަމަށް އެޕާޓީ އިން ވަނީ ބުނެފަ އެވެ.

"ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" ޕީއެންސީ އިން ބުންޏެވެ.

އަބްދުﷲ ރަޝީދު ސިޔާސީ ޕޯޑިއަމްގައި ދެއްކެވި ވާހަކަ އާ ގުޅިގެން އޭނާ އަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނަންތޯ ޕީއެންސީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޕާޓީއިން އަޅާނެ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅަކީ ކޮބައިކަން ބުނަން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.

ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު:

ދިއްދޫގައި ބޭއްވި ޖަލްސާގައި މިފަދައިން ގޮވާލާފައިވާއިރު ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ޖަލްސާގައި ގޮވާލި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

އޭގެއިތުރުން ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލިސް އިންތިހާބުގައި ކެމްޕޭން ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު، އޭސީސީ އާއި އިލެކްޝަންސްއިން އަންނަނީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.